މިއަހަރުގެ ޑެފިސިޓް ހަތް ޕަސެންޓުގައި ހިފަހައްޓަން ބަޖެޓުގައި އަންދާޒާކުރެވުނު ނަމަވެސް، ހަނގުރާމައާ އެކު އެ އަދަދަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެކަމަކު އަދިވެސް، ސިންގަލް ޑިޖިޓްގައި މިއަހަރުގެ ބަޖެޓް ޑެފިސިޓް ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މިރޭ "އަހާ" ފޯރަމްގައި ޒަރީރު ވިދާޅުވީ، އެއް އަހަރުން އަނެއް އަހަރަށް ޑެފިސިޓް ކުޑަކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށާއި އަންދާޒާކުރި މިންވަރަށް މި އަހަރު ޑެފިސިޓް ކުޑަ ކުރުމަށް އެންމެ ބޮޑަށް ދަތިވީ، މެދުއިރުމަތީގެ ހަނގުރާމައާ ހެދި ކަމަށެވެ.

"މެދުއިރުމަތީގެ ހަނގުރާމައާ ހެދި އަޅުގަނޑުމެން ބޭނުންވި ލެވެލްގައި ހިފެހެއްޓުމަށް ދަތިތަކާ ކުރިމަތިވި. އެހެން ނަމަވެސް، ސިންގަލް ޑިޖިޓްގައި ޑެފިސިޓް ހިފެހެއްޓުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ ޖުމްލަ ބަޖެޓު 64 ބިލިއަން ރުފިޔާއަށް އަރާ އިރު ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 2.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 6.4 ބިލިއަން ރުފިޔާ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 5.5 ޕަސެންޓެވެ. އޭގެ ކުރީ އަހަރު ބަޖެޓް ޑެފިސިޓް ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 9.9 ޕަސެންޓުގަ އެވެ.

ކޮވިޑަށް ފަހު ރާއްޖޭގެ ބަޖެޓް އޯވަރޯލް ފިސްކަލް ޑެފިސިޓް އެންމެ ބޮޑަށް އުފުލުނީ 2021 ވަނަ އަހަރު އެވެ. އެ އަހަރުގެ ބަޖެޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 14 ޕަސެންޓަށް އެރި އެވެ. އެއީ 11 ބިލިއަން ރުފިޔަ އެވެ. 

ޒަރީރު ވިދާޅުވީ، މާލީ ހާލަތު ހަމަޔަކަށް އެޅުމަށް މި ސަރުކާރުން އެޅި ފިޔަވަޅުތައް ރަނގަޅު ކަމަށާއި ދާދިފަހުން މޫޑީސްގެ ރޭޓިން ރަނގަޅުވީ ވެސް އެކަމާ ގުޅިގެން ކަމަށެވެ. ބޮޑެތި ލޯނުތައް ދައްކާ ފިސްކަލް ނިޒާމް ރަނގަޅު ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތައް ކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެއް އެޖެންސީ މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ސީއޭއޭ 2 އިން ސީއޭއޭ 1 އަށް އަދި އިގްތިސާދީ އައުޓްލުކް 'ސްޓޭބަލް' އަށް މަތިކުރީ މިދިޔަ ހަފްތާގަ އެވެ.

"ރާއްޖޭގެ ކްރެޑިޓް ރޭޓިން ގާތްގަނޑަކަށް މިދިޔަ 10 އަހަރު، 2016 ވަނަ އަހަރުން ފުރަތަމަ ކްރެޑިޓް ރޭޓިންއެއް ހަދާފައިވަނީ. އޭރު ބީ ޕްލަސް އިން ފައްޓައިގެން މިހާތަނަށް ދިޔަ ހުރިހާ އަހަރެއްގައި މިދިޔައީ ކްރެޑިޓް ރޭޓިން ދަށްވަމުން. ދަށްވަމުން އައިސް ފުރަތަމަ ފަހަރަށް މިވަނީ ކްރެޑިޓް ރޭޓިން އަޕްގްރޭޑެއް ލިބިފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މޫޑީސް އިން ގެނައި ބަދަލާ އެކު ރާއްޖޭގެ ރޭޓިން މިހާރު ހުރީ 2021 ވަނަ އަހަރުގައި ހުރި ވަރުގައި ކަމަށެވެ. ރޭޓިން ބަދަލުވި ފަހުން ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް މާލީ އެހީތެރިކަން ދިނުމަށް ޕޮޒިޓިވްކޮށް ވިސްނަމުންދާކަން ހާމަކޮށްފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ. ފައިނޭންސިން ހޯދުމަށް އިތުރު ދޮރުތައް ހުޅުވުމާ އެކު  ސަރުކާރުން ހިންގަން ރާވާފައިވާ ކެޕިޓަލް ޕްރޮޖެކްޓްތައް ހިންގުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބަކީ، ސަރުކާރުން މިދިޔަ ދެ އަހަރު އިގްތިސާދު ރަނގަޅު ކުރުމަށް އެޅި ފިޔަވަޅުތައް ކަމަށާއި މިހާރު ވިޔަފާރިތަކާއި އިންވެސްޓަރުންނަށް ވެސް އިތުރު ޔަގީންކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ، މިދިޔަ ދެ އަހަރު ސަރުކާރުން ދަރަނިތައް މެނޭޖްކުރުމަށް މުހިއްމު މަސައްކަތްތައް ކުރި އިރު މިދިޔަ ދެ އަހަރުގެ ތެރޭގައި ދައުލަތުން ދަރަނި އަދާކުރުމަށް 1.4 ބިލިއަން ޑޮލަރު ހޭދަކުރި ކަމަށެވެ. ސަރުކާރުން 2013 އިން 2018 އަށް ދަރަނި އަދާކުރުމަށް ހޭދަކުރީ، 400 މިލިއަން ޑޮލަރެވެ. އަދި 2018 އިން 2023 އަށް ދަރަނި އަދާކުރުމަށް 948 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.