މި އަހަރުގެ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޓަގަރީން އެއް ވަނަ އެޗްޑީސީއަށް ލިބިއްޖެ އެވެ.

ރޭ ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޗްޑީސީއާ، އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދެވެ. އަދި އެޗްޑީސީގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ ޑިރެކްޓާ އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، މަލްޝާ ޝަރީފެވެ. 

އެޗްޑީސީގެ ފަރާތުން އުފެއްދުންތެރިކަމުގެ މައުރަޒަށް ހުށަހެޅީ ހުޅުމާލެ ތަރައްގީވެގެން އައި ދުވަސްވަރު ދަތުރުފަތުރަށް ބޭނުންކުރި ދޯނި ރަމްޒުކޮށްދޭ މޮޑެލްއަކާއި ހުޅުމާލެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރި ޑްރެޖަރުގެ މޮޑެލްގެ އިތުރުން، ހުޅުމާލެއަށް އަލަށް ތައާރަފުކުރަން ނިންމާފައިވާ ސްމާޓް މަގު ބައްތީގެ މޮޑެލްތަކެވެ.

މައުރަޒަށް ހުށަހެޅި ދޯނީގެ މޮޑެލްއަކީ، ހުޅުމާލެ ބިނާކުރަން ފެށި ދުވަސްވަރު މާލެ އާއި ހުޅުމާލެއާ ދެމެދު މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރި ހަމައެކަނި އުޅަނދުގެ ނަމޫނާއެކެވެ.

ދެވަނައަށް ހުށަހެޅި ޑްރެޖަރުގެ މޮޑެލްއަކީ ހުޅުމާލެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި، 2003 ވަނަ އަހަރު ސަރުކާރުން "ޑްރެޖިން އިންޓަނޭޝަނަލް" ކުންފުނި މެދުވެރިކޮށް ރާއްޖެ ގެނައި "އެމަޒޯން" ކޮންނަ ބޯޓުގެ ތަފްސީލީ ނަމޫނާއެކެވެ.

"އެމަޒޯން" ކޮންނަބޯޓަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކޮށް، އެ މަޝްރޫއު 6 މަސްދުވަހުގެ ތެރޭގައި ނިންމާލުމުގައި މުހިންމު ދައުރެއް އަދާކުރި، އެ ދުވަސްވަރުގެ ނިސްބަތުން އިންގިލާބީ ކުރިއެރުމެއް ހޯދައިދިން އުޅަނދެއްގެ ގޮތުގައި އެޗްޑީސީން ސިފަކުރެ އެވެ.

އެ މޮޑެލް މައުރަޒަށް ހުށަހެޅީ "އެމަޒޯން" ކޮންނަބޯޓުގެ މުހިންމު ބައިތައް އެންމެ ތަފްސީލީ ގޮތެއްގައި ދައްކުވައިދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. 

އޭގެ އިތުރުން މައުރަޒަށް ހުށަހެޅި ސްމާޓް މަގުބައްތި މޮޑެލްއަކީ، ދުރުގައި ތިބެގެން ހުޅުމާލޭގެ މަގުބައްތިތައް ކޮންޓްރޯލްކޮށް އަލި ހުންނަ މިންވަރު އަމިއްލައަށް ބަދަލުކޮށް، އެ ސިސްޓަމަށް ދިމާވާ މައްސަލަތައް ވަގުތުން ދެނެގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ކަރަންޓު ހަރަދު ކުޑަވެ، ކޮންމެ ބައްތިއެއްގެ ހާލަތު ވަގުތުން ބަލައި އަވަހަށް މައްސަލަތައް ހައްލުކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މައުރަޒަށް ހުށަހެޅި ހުރިހާ މޮޑެލްތަކެއް ވެސް ތައްޔާރުކުރީ އެޗްޑީސީގެ މުވައްޒަފުންނެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ފަށާ "މޯލްޑިވްސް އެކްސްޕޯ 2026" ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

މި މައުރަޒުގައި 600 ބައިވެރިންގެ ފަރާތުން ހުށަހަޅާ 4،400 އަށްވުރެ ގިނަ އުފެއްދުން ފެނިގެންދާނެ އެވެ.