ގޭގެ ފާރާއި ކުޑަދޮރުތަކާއ ސީލިން ފަދަ ތަންތަނުގައި ފިނި ހަރުލާފައި ހުންނަ ތަން ފެނެ އެވެ. އެއީ ފެން ލީކުވުމުގެ ސަބަބުން މެދުވެރިވާ ކަމެއް ކަމަށް ހީވިޔަސް މިއީ ގިނަ ފަހަރަށް ހޫނު އަދި ތެތްކަން މަތިވުމުން އާންމުކޮށް ދިމާވާ "ކޮންޑެންސޭޝަން" ގެ ސަބަބުން މެދުވެރިވާ ކަމެކެވެ. ކޮންޑެންސޭޝަނަކީ ވައިގައި ހުންނަ ތެތްކަން ފިނި މާހައުލެއްގައި ޖެހުމުން، ފެނަށް ބަދަލުވާ ބަދަލުވުމަކަށް ކިޔާ ނަމެކެވެ. 

ހުޅުމާލޭގެ ހޫނުގަދަ މާހައުލުގައި ގޭބިސީތަކުގައި އޭސީ ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނައިރު އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ގެދޮރާއި އެޕާޓްމަންޓުތަކުގައި މިފަދަ ހާލަތްތައް މެދުވެރިވެ އެވެ. 

އެއީ އާންމު ކަމެއްކަން އެނގެނީ ކެއްކުމާއި ހޫނުފެނުން ފެންވެރުމާއި އެއްޗެހި ދޮވެ ހިއްކުމުގެ ސަބަބުން ވައިގެ ތެރޭގައި ތެތްކަން މަތިވެފައި ހުންނަ ވަގުތުތަކުގަ އެވެ. ވަކިން ހާއްސަކޮށް ވައި ދައުރުވުން ކުޑަ އަދި ފިނިހޫނުމިން އަވަހަށް ބަދަލުވާ ތަނެއްގައި އެ މައްސަލަ އިތުރެވެ. 

ކޮންޑެންސޭޝަން ދެނެގަންނާނީ ކިހިނެއް؟

  • ކުޑަދޮރުތަކާއި ފާރުތައް ނުވަތަ ސީލިން ފަދަ ތަންތަނުގައި ފިނި ހަރުލާފައި ތެތްކަމެއް ހުރުން.
  • ބިއްލޫރިތައް ދުންފިނިހެން ފުސްވެފައި ފެން ހެދިފައި ހުރުން.
  • ފާރު ނުވަތަ ސީލިންގުގެ ބައެއް ތަންތަން ތެމިފައި ހުރުން.
  • ގޭތެރޭގައި ނުބައި ނުވަތަ ބާވަސް ދުވުން.
  • ތަންތަނުގައި ފަންގަސް ނުވަތަ ފޫޖެހުން.

އެ ކަންކަމަށް ސަމާލުވެ ދުރާލާ ދެނެގަތުމުން އޭގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ އަދި ސާފުތާހިރުކަން ކުޑަވުމުގެ މައްސަލަތަކުން ސަލާމަތްވެ، ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް އެހީތެރިވެދޭނެ އެވެ.

ގޭތެރޭގެ މާހައުލަކީ ކޮންޑެންސޭޝަން އުފެދޭ މިންވަރު މަދުކޮށް، ރައްކާތެރި މާހައުލަކަށް ހެދުމަށް ކުރެވިދާނެ ކަންކަން އެބަ ހުއްޓެވެ. އޭގެ ތެރޭގައި ރަނގަޅަށް ވައި ދައުރުވާނެ ގޮތް ހެދުމާއި ކައްކާއިރު ނުވަތަ ފެންވަރާއިރު ވެސް އެގްޒޯސްޓް ޖެއްސުމާއި ވައި ދައުރުވާ ފަދަ ހާމަ ތަންތަނުގައި އަންނައުނު ހިއްކުމާއި ގޭތެރޭގެ ފިނި ހޫނުމިން މާބޮޑަށް ދަށްނުކޮށް އެއާކޮންޑިޝަން 25 ޑިގްރީ ސެލްސިއަސްގައި ބެހެއްޓިދާނެ އެވެ. 

ގޭތެރޭގައި ކޮންޑެންސޭޝަން އުފެދޭ މިންވަރު މަދުކުރެވުމުން އިމާރާތުގެ ފެންވަރު ގިނަ ދުވަހަށް ދެމެހެއްޓެ އެވެ. އެފަދަ އަލާމާތްތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުން ސިއްހަތަށް ފައިދާހުރި އަދި ހިތްފަސޭހަ މާހައުލެއް ގާއިމުކުރެވޭނެ އެވެ.