ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ޕްރޮޕަޓީ ކުންފުނި، ކްރިސްޓީސް އިންޓަނޭޝަނަލް ރިއަލް އެސްޓޭޓުގެ އޮފީހެއް ރާއްޖޭގައި ގާއިމުކޮށް، ރާއްޖޭގެ މާކެޓަށް ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކުން ޕްރޮޕަޓީ ގަންނަން ބޭނުންވާ ބައިނަލްއަގުވާމީ ފަރާތްތަކަށް ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
ކްރިސްޓީސްއިން ނެރުނު ބަޔާނެއްގައި ބުނީ، ކްރިސްޓީސް އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މޯލްޑިވްސް މެދުވެރިކޮށް، ރިސޯޓު ޑިވެލޮޕަރުންނާއި އަމިއްލަ ފަރާތްތަކުގެ "ބްރޭންޑެޑް ރެސިޑެންސް"ތައް ވިއްކުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
މިއީ ފަސްތަރީގެ ރިސޯޓުތަކުން ލިބިދޭ އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކާއި ވަސީލަތްތަކާ އެކު، ޗުއްޓީ ހޭދަކުރާނެ ވިލާ ގަންނަން ބޭނުންވާ ބޭރުގެ އިންވެސްޓަރުންނަށް ހުޅުވުނު އަގުހުރި ފުރުސަތެކެވެ.
މި ކުންފުނީގެ މައި އޮފީސް މާލޭގައި ހިންގަމުން އަންނައިރު، އެ ކުންފުނިން މާކެޓްކޮށް ތަމްސީލުކުރާ ރިސޯޓު މަޝްރޫއުތައް ހިންގާ ރަށްރަށުގައި ވެސް ސައިޓް އޮފީސްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ބައިނަލްއަގުވާމީ ތަޖުރިބާ
ކްރިސްޓީސް އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މޯލްޑިވްސްއަކީ އޭޝިއާ، ޔޫރަޕް އަދި އެމެރިކާ ބައްރުގައި މަޝްހޫރު ހޮޓާތަކާއި ރިސޯޓުތައް ހިންގަމުން އަންނަ އޯކާ ހޯލްޑިންސްގެ ބާނީ އަދި ސީއީއޯ ލައިތު ފިރްއައުން އިސްނަންގަވައިގެން ފެއްޓެވި ވިޔަފާރިއެކެވެ.
މި ކުންފުނީގެ ބްރޯކަރޭޖް އޮޕަރޭޝަންތައް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ ސޭލްސްގެ މެނޭޖިން ޑިރެކްޓަރު މާކޯ ބޮނީނީ އެވެ. އޭނާއަކީ ޔޫރަޕް، މެދުއިރުމަތި، އެމެރިކާ، އޭޝިއާގެ އިތުރުން ރާއްޖޭގައި ވެސް އެންމެ މަތީ ފަންތީގެ ބްރޭންޑެޑް ރެސިޑެންސްތައް ވިއްކުމުގައި ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މިއާއެކު، ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމާއި ސަރަހައްދުގައި ހިންގާ 125 އަށް ވުރެ ގިނަ މިނިވަން ބްރޯކަރޭޖްތައް އެކުލެވޭ ކްރިސްޓީސްގެ ބައިނަލްއަގުވާމީ ބޮޑު ވިއުގައާ ރާއްޖެ މިވަނީ ހިމެނިފަ އެވެ.
ޓޫރިޒަމް މަންޒިލަކުން އިންވެސްޓްމަންޓްގެ މަރުކަޒަކަށް
ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިސްޓު މަންޒިލުގެ ގޮތުގައި ރާއްޖެ އޮތް ނަމަވެސް، މިހާރު ރާއްޖެ ފެންނަމުންދަނީ ހަމައެކަނި ޗުއްޓީ ހޭދަކުރާ ތަނެއްގެ ގޮތުގައި ނޫން ކަމަށާއި، ރިއަލް އެސްޓޭޓް ޓޫރިޒަމް މާކެޓެއް ފުޅާވަމުން އަންނަ މަރުކަޒެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.
"އަހަރުތަކެއް ވަންދެން ރާއްޖެ ބެލެވިފައި އޮތީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލަން ޒިޔާރަތްކުރާ މަންޒިލެއްގެ ގޮތުގަ. ރިއަލް އެސްޓޭޓަށް އިންވެސްޓުކުރާ ތަނެއްގެ ގޮތުގައެއް ނޫން. ނަމަވެސް، އެ ވިސްނުން މިހާރު ދަނީ ބަދަލުވަމުން،" ބޮނީނީ ވިދާޅުވި އެވެ.
ބޮނީނީ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ރިސޯޓުތަކުގެ އެވްރެޖް އޮކިއުޕެންސީ އަބަދުވެސް މަތީގައި ހުރުމާއި، ކޮޓަރީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަކީ އިންވެސްޓަރުންނަށް ލިބޭ ވަރަށް ބޮޑު ޔަގީންކަމެކެވެ.
އެހެންކަމުން، އަހަރަކު އެތައް ފަހަރަކު ރާއްޖެއަށް ޒިޔާރަތްކޮށް، ހުރުމަށް ބޮޑު ހަރަދެއް ކުރާ މީހުންނަށް، އަމިއްލަ ވިލާއެއް ގަނެ، އެ ތަން ޕްރޮފެޝަނަލް ރެންޓަލް ޕްރޮގްރާމެއްގެ ދަށުން ކުއްޔަށް ދީގެން އާމްދަނީ ހޯދުމަކީ މާލީ ގޮތުން ވަރަށް ފައިދާހުރި ފުރުސަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ކްރިސްޓީސް އިން ފުރަތަމަ ފިޔަވަހީގައި ވިއްކުމަށް އިސްކަންދޭ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ، ދެކުނު މާލެ އަތޮޅުގައި ތަރައްގީކުރާ ރަށް ގިލި އާއި، މެއި 2027 ގައި ހުޅުވުމަށް އަމާޒު ހިފާފައިވާ ދޮންމާގާ އަދި ނަމޯސް ރިސޯޓް މޯލްޑިވްސް އަދި ފިއުޝަން ރިސޯޓް މޯލްޑިވްސް އައިލެންޑް ޕްރޮޕަޓީތަކެކެވެ.
މާކޯ ބޮނީނީ ވިދާޅުވި ގޮތުގައި، ކުރިން ރާއްޖޭން މިފަދަ ޕްރޮޕަޓީތައް ގަންނަނީ އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު އަދި އިޓަލީ ފަދަ ޔޫރަޕްގެ ގައުމުތަކުގެ ވިޔަފާރިވެރިން ކަމަށް ވިޔަސް، މިހާރު ސިންގަޕޫރާއި ހޮންކޮންގް ފަދަ އޭޝިއާގެ މުއްސަނދި މާކެޓުތަކުން އޮތް ތަރުހީބު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ކްރިސްޓީސް އިންޓަނޭޝަނަލް ރިއަލް އެސްޓޭޓަކީ ނިއުޔޯކް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކޮމްޕަސް އިންޓަނޭޝަނަލް ހޯލްޑިންގްސްގެ ދަށުން ހިންގާ، ދުނިޔޭގެ އެންމެ މަތީ ފަންތީގެ އަގުބޮޑު ހަރުމުދަލާއި އާޓް ވިއްކުމުގައި ދުނިޔޭގެ އިތުބާރު ހޯދާފައިވާ މަޝްހޫރު ބްރޭންޑެކެވެ.