ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ގެންދާ ހެލްތު އެންޑް ފެމިލީ އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުންނާއި އެ ހޮސްޕިޓަލުން ދޭ އެކި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެ ކަމަށް ބުނެފި އެވެ.
ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ ސްޓޯލުން އާންމުންނަށް ތަޖުރިބާކާރު ސްޕެޝަލިސްޓުންނާ ބައްދަލުކޮށް، ސިއްހީ މައުލޫމާތާއި ލަފާ ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންގެ ސިއްހަތު، ދަރިމައިވުމުގެ މައްސަލަތައް، ދަތުގެ ފަރުވާ، މޫނުމަތީގެ އަދި ކަތުރުކަށީގެ އޮޕަރޭޝަންތައް، ކުޑަކުދިންގެ ބަލިތައް، ކުއްލި އަނިޔާތަކަށް ފަރުވާދިނުން (ޓްރޯމާ ކެއާ) އާއި ނިއުރޯސާޖަރީ ފަދަ ދާއިރާތައް ހިމެނެ އެވެ.
ދަރިމައިވުމުގެ މައްސަލަތަކާއި މާބަނޑު ދުވަސްވަރުގެ އަދި ވިހެއުމާ ގުޅޭ ފަރުވާތަކަށް ހާއްސަ ކޮށް މައުލޫމާތުތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސްޓޯލްގައި އިއްޔެ ދީފައި ވާއިރު މިއަދު ހާއްސަ ކޮށްފައި ވަނީ ދަތުގެ ފަރުވާ އަދި އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީއަށެވެ. މާދަމާ އެ ސްޓޯލް ހާއްސަ ކޮށްފައި ވަނީ ކުޑަކުދިންގެ ބަލިތައް، ޓްރޯމާ އަދި ނިއުރޯސާޖަރީ އަށެވެ. މި ދާއިރާތަކުގެ ސްޕެޝަލިސްޓު ޑޮކްޓަރުން އެ ސްޓޯލުގައި މައުލޫމާތު ހިއްސާކުރަން ބައިވެރިވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަތުސަން ސްރީދަރް ޖީ ވިދާޅުވީ، މި އެކްސްޕޯގައި ބައިވެރިވުމަކީ މުޖުތަމައުއާ ސީދާ ގުޅުން ބަދަހިކޮށް، ރާއްޖޭގައި ސިއްހީ ހޭލުންތެރިކަމާއި ފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ހަރުދަނާކޮށްދޭ ކަމެއް ކަމަށެވެ. އަދި އާއިލާތަކާ ބައްދަލުކޮށް، ސިއްހީ ސުވާލުތަކަށް ޖަވާބުދީ، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުދައްކައި ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތްދޭ އިސް ފަރާތްތަކާއި ސިއްހީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވާ މި އެކްސްޕޯގައި، އާއިލާތަކުގެ މެދުގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެ އެވެ.
އިއްޔެ ހަވީރު ފެށި މި އެކްސްޕޯ ކުރިއަށް ގެންދާދާނީ މާދަމާގެ ނިޔަލަށް ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށެވެ.