މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މި އަހަރުގެ ހާއްސަ އާންމު ޖަލްސާ "ފަހިވޯޓު" ޕްލެޓްފޯމް މެދުވެރިކޮށް، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން މިއަދު އައްޔަންކޮށްފި އެވެ.
އެމްއައިބީގެ ބޯޑުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ތަމްސީލުކުރާނެ ނޮން-އެކްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ހަސަން ހަމޫދު އައްޔަން ކުރުމަށް ހިއްސާދާރުން ވަނީ ފާސްކޮށްފަ އެވެ. ހަމޫދު އެ މަގާމަށް އައްޔަންކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުން ކަމަށް އެމްއައިބީއިން ބުންޏެވެ.
ހަމޫދަކީ އިންވެސްޓްމަންޓް އަދި އިކޮނިމިކް ރިސާޗްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވަ ބޭފުޅެކެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް އެޑިންބަރާ އިން އިކޮނޮމިކްސް އެންޑް ލޯ އިން މާސްޓާސް ހާސިލުކޮށް، ސީއެފްއޭ ޕްރޮގްރާމްގެ ލެވެލް 1 ފުރިހަމަ ކުރައްވައިފަ އެވެ.
ހަމޫދަކީ ޕެންޝަން އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި އެމްއެމްއޭ ފަދަ އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
މިއަދުގެ ޖަލްސާގައި، އެމްއައިބީގެ އާންމު ހިއްސާދާރުންގެ ތެރެއިން އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ވެސް މެންބަރަކު އައްޔަނުކުރި އެވެ. އެއީ އިޔާޒް ވަހީދު އެވެ.
އޭނާ އެ މަގާމަށް އިންތިހާބުވީ ވޯޓު ދިން އާންމު ހިއްސާދާރުންގެ 55 ޕަސެންޓުގެ އަޣުލަބިއްޔަތުންނެވެ. މިއީ އެމްއައިބީގެ އާންމު ހިއްސާދާރުންގެ ތެރެއިން އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް އިޔާޒު އިންތިހާބުވި ދެވަނަ ދައުރު ވެސް މެ އެވެ.
މިއަދުގެ ޖަލްސާގައި އެމްއައިބީގެ 71 ޕަސެންޓު ހިއްސާދާރުން ބައިވެރިވި ކަމަށް އެ ބޭންކުން ބުންޏެވެ.