މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ގްރޫޕް (އެމްއައިސީ) އިން "ދަ ގޯލްޑަން ޓިކެޓް" ގެ ނަމުގައި ކެރިއަ އޯޕަން ޑޭ އެއް ބާއްވަން ނިންމައިފި އެވެ.
މި ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:15 ގައި، ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގެ ރަސްމާލަން ބޯލްރޫމްގަ އެވެ. އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ފުރުސަތުތައް ހުޅުވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއީ އެމްއައިސީއިން އެޗްއައިއެޗް އަދި މަޑިފުށި ޕްރައިވެޓް އައިލެންޑް (އެމްޕީއައި) އާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.
އެމްއައިސީއިން މިއަދު ބުނީ، މި ހަރަކާތުގެ ބޭނުމަކީ ކުރިއަށް އޮތް ޖީލަށް މެހުމާންދާރީ އާއި އިންފްލައިޓް ކޭޓަރިންގެ ދާއިރާއަށް ދިވެހިން އިތުރުކޮށް އެ މީހުންނަށް ފުރުސަތުތަކެއް ހޯދައިދީ، ހުނަރު ތަރައްގީ ކުރުން ކަމަށެވެ. އަދި ދިވެހި ހުނަރުވެރިން ބިނާކުރުމަށާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް މަގުސަދެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއައިސީއަކީ އެމްއޭސީއެލް އާއި ސިންގަޕޯ އެއާޕޯޓް ޓާމިނަލް ސާވިސަސް (އެސްއޭޓީއެސް) ގެ ދަށުން ހިންގާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން އިންފްލައިޓް ކޭޓަރިންގެ އިތުރުން އެޗްއައިއެޗާއި އާއި މަޑިފުށި ޕްރައިވެޓް ލިމިޑެޓް އަންނަނީ ހިންގަމުންނެވެ.
އޯޕަން ޑޭ ހަރަކާތް ކުރިއަށް ގެންދަނީ ގްރޫޕް-ވައިޑް ރެކްރޫޓްމަންޓް އިނީޝިއޭޓިވްއެއްގެ ގޮތުގަ އެވެ. އެހެންވެ، ގިނަ ދާއިރާތަކުން ވަޒީފާ ހޯދުމުގެ ފުރުސަތުތައް ހުޅުވޭނެ އެވެ.
"ދަ ގޯލްޑަން ޓިކެޓް" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގައި ތިން ދާއިރާއަކުން ވަޒީފާގެ ފުރުސަތުތައް ހުޅުވާލާފައިވެ އެވެ. އެއީ ރިސޯޓު ހޮސްޕިޓާލިޓީ އާއި އެއާޕޯޓް ހޮޓެލް އޮޕަރޭޝަންގެ އިތުރުން އިންފްލައިޓް ކެޓަރިން އަދި ކޯޕަރޭޓް ސަޕޯޓް ސާވިސަސްގެ ދާއިރާ އެވެ.
މި އޯޕަން ޑޭއަށް އަންނަ ފަރާތްތަކަށް ރިސޯޓާއި ހޮޓެލް އަދި އިންފްލައިޓް ސާވިސަސްގެ އެކި ޑިޕާޓްމަންޓްތަކަކުން ވަޒީފާ ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެ ތެރޭގައި ފުޑް އެންޑް ބެވަރޭޖް، ކަލިނަރީ، ހައުސްކީޕިން، ފްރޮންޓް އޮފީސް، ގެސްޓް ރިލޭޝަންސް، އިންޖިނިއަރިން، މެއިންޓެނަންސް، ސްޕާ އެންޑް ވެލްނަސް، ރެކްރިއޭޝަން، ވޯޓަ ސްޕޯޓްސް، ކޭޓަރިން އޮޕަރޭޝަންސް، ކޮލިޓީ އެޝުއަރެންސް، ފުޑް ސޭފްޓީ، ހިއުމަން ރިސޯސަސް، ފައިނޭންސް، ޕްރޮކިއުމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، އެޑްމިނިސްޓްރޭޝަން، ކޯޕަރޭޓް ސަވިސަސް ވެސް ހިމެނެ އެވެ.
އެމްއައިސީ އިން ބުނި ގޮތުގައި، އޯޕަން ޑޭގައި ކުރިން އެޕްލިކޭޝަން ހުށަހެޅުމަކާ ނުލައި، ވޯކް-އިން އިންޓަވިއުތައް ކުރިއަށް ގެންދާނެ އެވެ. އޯޕަން ޑޭއަށް އަންނަ ފަރާތްތަކަށް ހާޒިރުވާ ރެކްރޫޓްމަންޓް ރެޕްރެޒެންޓޭޓިވްއިންނާ ސީދާ ބައްދަލުކޮށް، މަސައްކަތުގެ މާހައުލުތަކާ ބެހޭ މައުލޫމާތު ހޯދައި، ކުރިއަށް ދާން ހުރި ފުރުސަތުތައް އޮޅުން ފިލުވޭނެ އެވެ.
އެމްއައިސީ އިން ބުނީ، މުވައްޒަފުން ނެގުމުގެ އިތުރަށް މި އިނީޝިއޭޓިވްގެ ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމާއި އޭވިއޭޝަން ދާއިރާތަކުގައި ހުރި ފުރުސުތުތަކާ ގުޅޭ މައުލޫމާތުތައް ޒުވާނުންނަށް ދިނުން ކަމަށެވެ. އެ ދާއިރާގެ ތަޖުރިބާކާރު ޕްރޮފެޝަނަލުންނާ ޒުވާން ހުނަރުވެރިން ގުޅުވައިދިނުން ކަމަށް ވެސް އެމްއައިސީއިން ބުންޏެވެ.
ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހޯދާފައިވާ މަގާމު އިތުރަށް ވަރުގަދަކުރަމުން އަންނައިރު، ދާއިރާގެ ފެންވަރު ދެމެހެއްޓުމުގައި ދިވެހި ހުނަރުވެރިން ބިނާކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
އެ ކުންފުނިން ބުނީ، "ދަ ގޯލްޑަން ޓިކެޓް" ފަދަ އިސްނެގުންތަކުގެ ޒަރިއްޔާއިން، އެމްއޭސީއެލްގެ ގްރޫޕުން ކަށަވަރު ކޮށްދެނީ މީހުން ބިނާކުރުމަށާއި ދިވެހި ޒުވާނުން އެ ދާއިރާއަށް ވެއްދުމަށް ހިތްވަރުދީ، ކުރިއަށް ދާނެ ފުރުސަތުތައް ހޯދައިދިނުމަށް ދޭ އަހައްމިއްޔަތުކަން ކަމަށެވެ.
އިވެންޓުގެ ތަފްސީލު
- އިވެންޓް: އެމްއައިސީ ގްރޫޕް ކެރިއަ އޯޕަން ޑޭ 2026
- ޝިއާރު: ދަ ގޯލްޑަން ޓިކެޓް
- ތާރީހު: ހޮނިހިރު، ނޮވެމްބަރު 14، 2026
- ގަޑި: ހެނދުނު 8:15 އިން ފެށިގެން
- ތަން: ރަސްމާލަން ބޯލްރޫމް، ހުޅުލެ އައިލެންޑް ހޮޓެލް
- ޝަރުތު: އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިން
- ރަޖިސްޓްރޭޝަން: ވޯކް-އިން އިންޓަވިއުތައް ކުރިއަށް ގެންދާނެ، ކުރިން އެޕްލިކޭޝަން ހުށަހަޅާކަށް ނުޖެހޭނެ