އެމްޓީސީސީގައި އިސްކޮށް މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން ކުރިއަށް ގެންދާ "ލީޑަޝިޕް ސެޓްފިކެޓް ޕްރޮގްރާމް" އިފްތިތާހުކޮށްފި އެވެ. 

އެމްޓީސީސީން މިއަދު ބުނި ގޮތުގައި އެ ޕްރޮގްރާމް ތައާރަފްކުރީ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި "ލީޑަޝިޕް ކޮންފަރެންސް 2026" ގަ އެވެ. ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށް ފަހު ދެއްކެވި ވާހަކަގައިގައި އެމްޓީސީސީގެ މުަވައްޒަފުންނަށް ސައުދީ އިލްތިމާސްކުރެއްވީ އަބަދުވެސް ޕޮޒިޓިވް ވިސްނުމެއްގައި މަސައްކަތްކުރުމަށެވެ.

އެމްޓީސީސީގެ ލީޑަޝިޕް ކޮންފަރެންސް. ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ ލީޑަޝިޕް ކޮންފަރެންސް. ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީއާ ހަވާލުވެފައިވާ ބިޔަ ޒިންމާ އަދާކުރުމުގައި މުވައްޒަފުން  ފުރިހަމައަށް ބައިވެރިވާން އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިސްނަގައިގެން ހެޔޮ ނިޔަތުގައި މަސައްކަތްކުރާނެ ހީވާގި، މުރާލި ގިނަ މުވައްޒަފުންތަކެއް އެ ކުންފުންޏަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލީޑިން ފޯވާޑް ޕީޕަލް، ޕާފޯމަންސް އެންޑް ޓްރާންސްފޮމޭޝަން" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ އެ ކޮންފަރެންސްގައި ކުންފުނީގެ އެކި ދާއިރާތަކުގެ 140 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެ، މައުލޫމާތު މުއްސަނދިކޮށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރި ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީގެ ލީޑަޝިޕް ކޮންފަރެންސް. ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ ލީޑަޝިޕް ކޮންފަރެންސް. ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނި ގޮތުގައި  ކޮންފަރެންސްގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައި ލީޑަޝިޕާއި ހިންގުންތެރިކަމާ ޒަމާނީ ބަދަލުތަކަށް ހޭނުމާ ގުޅޭ ގޮތުން އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ފުންނާބު އުސް ކީނޯޓް ސްޕީކަރުން މައުލޫމާތު ދެއްވި އެވެ.  

އެ ކޮންފަރެންސްގައި ވާހަކަދެއްކެވި ކީނޯޓް ސްޕީކަރުންގެ ތެރޭގައި ތަޖުރިބާކާރު އެގްޒެކެޓިވް ކޯޗް ހުސައިން އަފީފާއި ސިންގަޕޫރުގެ ކޯއެން ޓޭން އާއި ސިންތިއާ ޒައިއާއި ލަރިއްސާ މާމަން ހިމެނެ އެވެ.