ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތަށް ޑްރައިވަރުން ހޯދަން މިއަދު ބޭއްވި ވޯކް-އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. 

އެމްޓީސީސީން ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ބުނި ގޮތުގައި، މާފަންނު ބަސް ޓާމިނަލުގައި މިއަދު ހެނދުނު 10:00 އިން ހަވީރު 6:00 އަށް ބޭއްވި އެ އިންޓަވިއުއަށް 250 އަށް ވުރެ ގިނަ މީހުން ދިޔަ އެވެ. އޭގެތެރެއިން ވަޒީފާއަށް ނަގާނެ އަދަދެއް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ.

ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ބޭއްވި ވޯކް-އިން އިންޓަވިއުގައި މީހަކު އިންޓަވިއު ކުރަނީ.-- ފޮޓޯ: އެމްޓީސީސީ
ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ބޭއްވި ވޯކް-އިން އިންޓަވިއުގައި މީހަކު އިންޓަވިއު ކުރަނީ.-- ފޮޓޯ: އެމްޓީސީސީ

އާންމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ވަނީ އެމްޓީސީސީ މެދުވެރިކޮށް ޓެކްސީ ލައިންގެ ހިދުމަތް ފަށަން ނިންމައިފަ އެވެ. 

ޓެކްސީ ހިދުމަތަށް 407 ޑްރަައިވަރުން ހޯދަން އެމްޓީސީސީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާނުކުރުމުން ކުރިމަތިލީ 366 މީހެކެވެ.

ޕާޓް-ޓައިމްކޮށް އަދި ފުލް-ޓައިމްކޮށް މަސައްކަތް ކުރާނެ ޓްރައިވަރުން ހޯދާއިރު، ފޯމު ހުށަހެޅި މީހުންގެ ތެރެއިން ވަޒީފާ ހަމަޖެހުނު މީހުންގެ އަދަދެއް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ.

ސަރުކާރުން ޓެކްސީގެ ވިޔަފާރި ފަށަން ނިންމީ ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރު ވެސް، އެ ހިދުމަތް ހޯދުމުގައި އާންމުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭތީ، އެ މައްސަލައަށް ހައްލެއް ގެނައުމަށެވެ. 

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 ކާރެވެ. އޭގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި އެ ޓެކްސީތަކުގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ފަދަ ކުދި ޓެކްސީ ވެސް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ބޭއްވި ވޯކް-އިން އިންޓަވިއުގައި މީހަކު އިންޓަވިއު ކުރަނީ.-- ފޮޓޯ: އެމްޓީސީސީ
ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ބޭއްވި ވޯކް-އިން އިންޓަވިއުގައި މީހަކު އިންޓަވިއު ކުރަނީ.-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ކާރު ބޭނުންކޮށްގެންނެވެ. އެ ކާރުތަކުގެ ޗާޖިން ސްޓޭޝަން ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. 

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭނީ އެކަމަށް ހާއްސަ އެޕްލިކޭޝަނަކާ އެކު، ރާއްޖެއިން ބޭރުގައި އޫބާ އާއި ގްރެބް ކަހަލަ ހިދުމަތްތައް ދޭ ގޮތަށެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް 24 ގަޑިއިރު ޓެކްސީގެ ހިދުމަތް ލިބޭނެ އެވެ.