މާލޭގައި އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ގިނަ އަދަދެއްގެ ކާރު ރާއްޖެ ގެނެސްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ޓެކްސީ ލައިންގެ ހިދުމަތް ފެށުމުގެ ފުރަތަމަ ފޭސް އަށް ބޭނުންވާ ކާރުތަކުގެ ދެބައިކުޅަ އެއްބައި އުޅަނދުތައް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
ޖުމުލަ 150 ކާރު ގެންނަން ނިންމާފައިވާއިރު އެމްޓީސީން ބުނި ގޮތުގައި ފުރަތަމަ ޝިޕްމަންޓުގެ ދަށުން މިއަދު ރާއްޖެ ގެނައީ 60 ކާރެވެ. ދެވަނަ ޝިޕްމަންޓު ރާއްޖެ ގެނެވޭނެ ކަމަަށް އެ ކުންފުނިން ލަފާކުރަނީ އަންނަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު 90 ކާރު ގެންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ.
"ޑްރައިވަރުން ރެޑީ، ޑްރައިވަރުންގެ ތަމްރީނުތައް ހަދައި ނިމިއްޖެ. ދެން މި އޮތީ ހިދުމަތް ފެށުން،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ސަރުކާރުން ފަށާ ޓެކްސީގެ ހިދުމަތަށް ރާއްޖެ ގެނައީ ޗަންގަން އޮޓޯމޮބައިލް ބްރޭންޑުގެ ކާރުތަކެވެ. އެއީ ލުމިން އަދި S05 އާއި S07 މޮޑެލްގެ ކާރެވެ.
މާލެ ޓެކްސީ ލައިން ފަށަން ބޭނުން ކާރުތައް ރާއްޖެ ގެނެސް މިހާރު ހުރީ އެމްޕީއެލް ސަރަހައްދުގަ އެވެ. ކާރުތައް ނެރުމުގެ ކަންކަން އެމްޓީސީސީން މިހާރު ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އެ ކާރުތަކުގައި ވަނީ އެމްޓީސީސީގެ ލޯގޯ އާއި ޓެކްސީ ލައިންގެ ހޮޓްލައިން ނަމްބަރު ޖަހައިފަ އެވެ.
އެމްޓީސީސީން ނިންމާފައި ވަނީ މާލެ ޓެކްސީ ލައިންގެ ދާއިމީ ޑްރައިވަރުން ހާއްސަ ޔުނިފޯމެއްގައި ތިބޭ ގޮތަށެވެ. ޕާޓްޓައިމް ޑްރައިވަރުން ތިބޭނީ އެ ކުންފުނިން ބުނި ގޮތުގައި ވެސްޓް ލައިގެންނެވެ.
މާލެ ޓެކްސީ ލައިންގެ ހިދުމަތުގެ އަގުތައް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓަރީވުމަށް އެމްޓީސީސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ. މާލޭ ޓެކްސީ ލައިން ހިދުމަތާ ގުޅުމަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންނަށް ޕޯޓަލް މެދުވެރިކޮށް ޕާޓް ޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީވެވޭނެ އެވެ.
ސަރުކާރުގެ ޓެކްސީ ލައިނަށް ނަމްބަރެއް އިއްޔެ ތައާރަފުކޮށްފައިވެ އެވެ. އެއީ 1655 އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ފެށުމަށް ތައްޔާރުވަމުން އަންނަ ޓެކްސީ ލައިނުގެ ހިދުމަތް 24 ގަޑިއިރު ދޭނީ އެޕްލިކޭޝަނަކުން ޓެކްސީ އަށް އެދެވޭ ގޮތަށެވެ.
އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެ އިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އަމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 އުޅަނދެވެ. އަދި އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި އެ ޓެކްސީތަކުގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ފަދަ ކުދި ޓެކްސީ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ސަރުކާރުން ޓެކްސީ ވިޔަފާރީއަށް ވަންނަނީ އަމީން ވިދާޅުވެފައިވާ ގޮތުގައި މިހާރު ވެސް ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރު އެ މީހަކު ބޭނުންވާ ވަގުތެއްގައި ނުކުމެ، ބޭނުންވާ ތަނަކަށް އެކަނި ދަތުރު ކުރާތީ އާއްމުންނަށް ކުރިމަތިވާ އުނދަގޫތަކާ ހެދި އެވެ.