އެއާޕޯޓު ޓެކްސީ ލައިނުން މީހަކު ކާރެއް ލިބޭތޯ މަސައްކަތްކުރަނީ: ޓެކްސީ ލައިނަށް ކުރިމަތިލީ 366 މީހުން ކަމަށް އެމްޓީސީސީން ބުނޭ --- މިހާރު ފޮޓޯ/ނިޝާން އަލީ
28 ޑިސެމްބަރ 2025 - 16:02
އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް 407 ޑްރައިވަރުން ހޯދަން އިއުލާން ކުރުމުން، އެކަމަށް ކުރިމަތިލީ 366 މީހުން ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން 407 ޑްރައިވަރުން ހޯދަން އިއުލާނުކުރީ މިދިޔަ މަހުގަ އެވެ. އޭގެ ތެރެއިން 278 ޑްރައިވަރުން ހޯދީ ފުލްޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ. އަދި 122 ޑްރައިވަރުން ހޯދީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ. އެކަމަށް އެދި ކުރިމަތިލުމަށް ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެ މުއްދަތު ހަމަވިއިރު ޖުމްލަ 366 އެޕްލިކޭޝަން ހުށަހަޅާފައިވެ އެވެ. އެއީ ފުލް ޓައިމްކޮށް މަސައްކަތް ކުރުމަށް އެދި ހުށަހަޅާފައިވާ 188 އެޕްލިކޭޝަނަކާއި ޕާޓް ޓައިމްކޮށް މަސައްކަތް ކުރުމަށް ހުށަހެޅި 178 އެޕްލިކޭޝަނެކެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ފެށުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދެވޭ ގޮތަށެވެ. އަދި އެ ހިދުމަތް 24 ގަޑިއިރު ދޭނެ އެވެ.
ޓެކްސީ ލައިނުގެ ހިދުމަތް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވިޔަސް، އެ ހިދުމަތް ފެށޭނީ އަންނަ އަހަރު ކަމަށް ބެލެވެ އެވެ.
ކުރިން އެމްޓީސީސީން ބުނެފައިވާ ގޮތުގައި ޓެކްސީ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.
ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ނުކުންނަން ނިންމީ މިހާރު ވެސް ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރު، ޓެކްސީގެ ހިދުމަތް ހޯދުމުގައި އާއްމުންނަށް ކުރިމަތިވާ ދަތިތަކާ ހެދި އެވެ.
ކުރިން މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 އުޅަނދު ކަމަށާއި އަދި އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޓެކްސީތަކުގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ފަދަ ކުދި ޓެކްސީ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. އެ ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ ގޮތަށް އޫބާ އާއި ގްރެބް ފަދަ ހިދުމަތްތައް ދޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްބެ
28 December 2025
ކޮބާތަ ވަޒީފާނުލިބިގެން އުޅޭ ޒުވާނުންތައް. މައިންބަފައިން ފެލައިގެން އަބަދަކު ނޫޅެވޭނެ އަވަހަށް ކުރިމަތިލާ.
ވިނޯދު ކަންނާގެ ދަރި އަކްޝޭ ކަންނާ
28 December 2025
ސަރުކާރުން ޓެކްސީ ލައިން އެޅުމަށްފަހު ޕުރައިވެޓް ކާރުތަކަށް ޓެކްސީކުރަން ދެވިފާއޮތް ހުއްދަ ބާތިލްކުރަންޖެހޭ. ޓެކްސީބޯޑު ޖަހަންނުކެރޭ މީހުން މިހާރު ޓެކްސީކުރަނީ ޕުރައިވެޓް ކާރުގާ. އެމީހުންވެސް ނަގާނީ ފަސޭހަ ދަތުރުތައް. ބަލިމީހެއް އުފުލައެއްނުދޭނެ. މީ ގޮތެއްނޫން.
ވިނޯދު ކަންނާގެ މުނި މާމަ
28 December 2025
ޢަޅު ގަނޑު ވެސް ފޯ އަބައުޓް 2 އިޔާސް ވަންދެން ހަފްތާޔަކު އެއް ދުވަހު ނޫނީ އެއަށް ވުރެ ގިނައިން ދިއައިން ބަލި މީހަކު ގޮވައިގެން ހޮސްޕިޓަލަށް. ކާރު މަޑުކިރެ އެކަމު ބަލިމީހާ ފެނުނީ މަ ޓެކްސީޑްރައިވަރު ބުނަނީ ފާހާނަކަޝޯ މިދަނީ.