އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ ބިބް އެކްސްޕޯ ފަށައިފި އެވެ.
ދިރާގުން މިއަދު ބުނީ، އެ ކުންފުނީގެ ހެޑް އޮފީސް ކައިރީގައި އޮންނަ ބީޖީ ޓާފް ދަނޑުގައި އެ ހަރަކާތް ވަރަށް ފޯރިއާ އެކު މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު ވެސް މިހާރު ވަނީ މާދަމާއާ ހަމައަށް އިތުރުކޮށްދީފަ އެވެ.
ބިބް އާއި ރޭސް ކިޓް ދޫކުރުން ކުރިއަށް ގެންދަން ދިރާގުން މިއަދު ނިންމާފައި ވަނީ ހެނދުނު 10 އިން މެންދުރު 12 އަށް އަދި މެންދުރު 2 އިން ހަވީރު 6 ޖަހަންދެންނެވެ. ބިބް އާއި ރޭސް ކިޓް މިރޭ ދޫކުރާނީ އަދި 8 އިން 10 އަށެވެ.
ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް ހިމަނާފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިން ބޭގް އަދި ހަތަރު ނަރުދަތި ދޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދުވުންތެރިޔާގެ ފަރާތުން ރޭސް ކިޓް ބަލާ ދާ މީހެއް ނަމަ ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ އެވެ.
ދިރާގުން ބުނި ގޮތުގައި، މި އަހަރުގެ ބިބް އެކްސްޕޯ ރާވާފައިވަނީ ޒިޔާރަތްކުރާ މީހުންނަށް ތަފާތު އަދި ހިތްގައިމު ތަޖުރިބާތަކެއް ފޯރުކޮށްދެވޭނެ ފަދަ މާހައުލެއްގަ އެވެ. އެގޮތުން، ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން ދުވުންތެރިންނަށް ހާއްސަ ތަފާތު ސްޓޯލްތައް މި ފަހަރުގެ އެކްސްޕޯއިން ފެންނާނެ އެވެ.
އެކްސްޕޯއަށް ދާ ދުވުންތެރިންނަށް ބައިވެރިވެވޭނެ ގިނަ ހަރކާތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ މި އަހަރުގެ ދުވުމުގައި 5،600 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެ އެވެ. ދިރާގުން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން އެ ހަރަކާތުގައި މަނާވާނެ ކަމަށެވެ.