އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅި އަދަދު، 59.7 ބިލިއަން ރުފިޔާ، ފާސްކުރަން ބަޖެޓް ކޮމިޓީން ނިންމައިފި އެވެ.
މިއަދު ބޭއްވި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރަން ހުށަހެޅީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އޭނާ އެގޮތަށް ހުށަހަޅުއްވަމުން ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ބަޖެޓު ފޮނުވާފައިވާ ގޮތަށް ބަދަލެއް ނުގެނެސް، ފާސްކުރަން ހުށަހަޅަނީ، އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދަތިވެއްޖެ ހަލާތެއްގައި ކޮންމެހެން ބޭނުންވާ ހަރަދުތައް ކޮންޓިންޖެންސީ ބަޖެޓް މެދުވެރިކޮށް ހަމަޖައްސާދެއްވާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ދެއްވާފައިވާތީ ކަމަށެވެ.
އެކަމަށް ތާއީދު ކުރެއްވީ، މައްޗަންގޯޅީ މެދުދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ. އަދި ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން، އެގޮތަށް ވަނީ ފާސްކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓު މި އަހަރުގެ ބަޖެޓަށް ވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ އެވެ.
އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގާނެކަމަށް ބަޖެޓްގައި ލަފާކޮށްފައި އޮތީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. އެއީ 9.8 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. މިއީ މިއަހަރުގެ އާމްދަނީއަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 77 ޕަސެންޓަކީ ޓެކްސް އިން ލިބޭ އާމްދަނީ އެވެ. ޓެކްސް އިން ލިބޭނެ ކަމަށް ލަފާކުރަނީ 33.6 ބިލިއަން ރުފިޔާ އެވެ.
ބަޖެޓުގެ މުހިއްމު އަދަދުތައް:
- ޖުމްލަ ބަޖެޓު: 59.7 ބިލިއަން ރުފިޔާ
- ޖުމްލަ ހަރަދު:52.6 ބިލިއަން ރުފިޔާ
- ޖުމްލަ އާމްދަނީ: 43.2 ބިލިއަން ރުފިޔާ
- ރިކަރަންޓް ހަރަދު: 42.7 ބިލިއަން ރުފިޔާ
- ކެޕިޓަލް ހަރަދު: 9.8 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: 8.2 ބިލިއަން ރުފިޔާ
- ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
- ދަރަނި:161.3 ބިލިއަން ރުފިޔާ
- ޖީޑީޕީ: 129.5 ބިލިއަން ރުފިޔާ