ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިޖުތިމާއީ ޒިންމާގެ (ސީއެސްއާރު) ހަރަކާތްތަކުގެ ތެރެއިން، އާންމުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމައަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނައުމަށް އުރީދޫން ކުރާ މަސައްކަތްތައް ފާހަގަކޮށް "އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026" ގައި އެ ކުންފުންޏަށް "ކޯޕަރޭޓް ޗޭންޖްމޭކާސް އެވޯޑް" ލިބިއްޖެ އެވެ.
މިއީ ސިއްހީ ފަރުވާ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށާއި އަސާސީ ބޭސްފަރުވާގެ ހިދުމަތްތަކަށް އެއްބާރުލުން ދިނުމުގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް އުރީދޫން ކުރާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް ދިން އެވޯޑެއް ކަން އެ ކުންފުނިން ފާހަގަކުރި އެވެ.
ރާއްޖޭގެ ޖިއޮގްރަފީ ގޮތުން ހުރި ގޮންޖެހުންތަކާއި ވަގުތުން ވަގުތަށް ސިއްހީ ފަރުވާ ލިބުމުގެ މުހިންމުކަން ދެނެގަނެ، ސިއްހީ ދާއިރާގެ މުހިންމު ބޭނުންތަކަށް އެހީތެރިވުމުގެ ގޮތުން އުރީދޫން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
"މީގެތެރޭގައި އެއާ އެމްބިއުލާންސާއި ސީ އެމްބިއުލާންސްގެ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ރަށްރަށުގެ މުޖުތަމައުތަކަށް ކޮންމެހެން ބޭނުންވާ ހެލްތު ކިޓްތައް ބެހުން ހިމެނެ އެވެ. މިއީ މުޅި ރާއްޖޭގައި ސިއްހީ ފަރުވާ ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމަށް ވެދެވޭ މުހިންމު އެހީތެރިކަމެކެވެ،" އުރީދޫން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައި ވެ އެވެ.
އުރީދޫން އަންނަނީ އެ ކުންފުނީގެ ވަސީލަތްތަކާއި ގުޅުންތައް ބޭނުންކޮށްގެން މުޖުތަމައުގެ ބޭނުންތައް ފުއްދައިދީ، އަސާސީ ސިއްހީ ހިދުމަތްތަކަށް އެއްބާރުލުން ދެމުން ކަމަށް ވެސް ބުންޏެވެ. އަދި މުޅި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ދާއިމީ ހެޔޮ ބަދަލެއް ގެނައުމަށް އެ ކުންފުނިން މަސައްކަތްކުރާކަން ފާހަގަކުރެ އެވެ.
"ކޯޕަރޭޓް ޗޭންޖް މޭކާސް އެވޯޑުން ހާމަވެގެންދަނީ، ކުންފުނިތަކުގެ ޒިންމާއަކީ ހަމައެކަނި ވިޔަފާރީގެ މުއާމަލާތްތަކަށް ވުރެފުޅާ އެއްޗެއް ކަމަށާއި އިޖުތިމާއީ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް އުރީދޫ މޯލްޑިވްސްއިން ގަބޫލުކުރާ ގަބޫލުކުރުމެވެ،" އުރީދޫން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ދިވެހިންގެ "ޑިޖިޓަލް ދިރިއުޅުން" މުއްސަނދި ކޮށްދިނުމަށް ވެފައިވާ ވައުދުގެ ދަށުން، ހަމައެކަނި މުވާސަލާތީ ގުޅުން ފޯރުކޮށްދިނުމުގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި ސީއެސްއާރު ހަރަކާތްތަކަށް އިންވެސްޓް ކުރުމުގައި އުރީދޫ ދެމިއޮންނާނެ އެވެ.
ސިއްހީ ދާއިރާ އާއި ތައުލީމާއި ޑިޖިޓަލް ބައިވެރިވުން އިތުރުކުރުމާއި ތިމާވެށި ހިމާޔަތްކުރުމާއި އަދި މުޖުތަމައުގެ ތަރައްގީއަށް ދެމުންދާ ސަމާލުކަމާ އެކު، އެ ކުންފުނިން މަސައްކަތް ކުރަނީ ރާއްޖެއަށް ފައިދާ ހުރި ފުރުސަތުތަކެއް ތަނަވަސްކޮށްދީ، އެންމެން ޝާމިލުވާ، ވިލުންތެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކޮށްދިނުމަށް ކަމަށް ވެސް ބުންޏެވެ.
"މި ލިބުނު ޝަރަފުގެ ސަބަބުން، ޒިންމާދާރު ކުންފުންޏެއްގެ ގޮތުގައި އަދި ގައުމީ ތަރައްގީގެ ބައިވެރއެއްގެ ގޮތުގައި ދެމިއޮވެ، ހިދުމަތް ފޯރުކޮށްދޭ މުޖުތަމައުތަކަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކަނޑައަޅާފައިވާ އަޒުމު އިތުރަށް ވަރުގަދަވެގެންދެ އެވެ،" އެވޯޑްގެ ހިތްވަރު އާކުރަމުން އުރީދޫން ބުންޏެވެ.