އދ. އަތޮޅުގައި މޮރިޝަސްގެ ލަކްސް ކުންފުނިން ހިންގާ "ލަކްސް މޯލްޑިވްސް" ބޮޑު މަރާމާތަކަށް ފަހު އަންނަ ސެޕްޓެމްބަރު މަހު އެއްވަނަ ދުވަހު އަލުން ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސް ޓީޓީޖީ މީޑިއާ ވެބްސައިޓްގައި ބުނެފައި ވަނީ އެ ރިސޯޓް ސެޕްޓެމްބަރު މަހު އަލުން ހުޅުވާއިރު 193 ޕެވިލިއަން އަދި ވިލާ ހުންނާނެ ކަމަށެވެ. އެގޮތުން ރަށުގެ އިރުމަތީ ފަރާތުގައި ޕްރައިވެޓް ޕޫލާއެކު 49 ވިލާ އަދި ހުޅަނގު ފަރާތުގައި 38 ވޯޓާ ވިލާ، ދެ ކޮޓަރީގެ ލަކްސް ވިލާ އާއި 105 ބީޗް ވިލާ ހިމެނޭ ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ޓީޓީޖީ މީޑިއާގައި ބުނެފައި ވަނީ ރިސޯޓް އަލުން ހުޅުވާއިރު ހުރިހާ ވިލާތަކެއް އަލުން ޑިޒައިންކޮށްފައިވާ ކަމަށާއި އާ ރެސްޓޯރަންޓްތަކަކާއި ބާ ތަކެއް ވެސް ހަދާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ ރަށް އަލުން ހުޅުވާއިރު އޭޝިއާ އަދި އިރުމަތީ މާކެޓްތަކަށް އަމާޒްކޮށްގެން ޖުމްލަ ހަތް ރެސްޓޯރަންޓް އަދި ފަސް ބާ ހުޅުވާނެ ކަމަށެވެ.

އެ ވެބްސައިޓްގައި ބުނެފައި ވަނީ ލަކްސް އިން މާލެ އަތޮޅު އުތުރުގައި އަލަށް ހަދާ 60 ވިލާގެ ރިސޯޓް އަންނަ އަހަރު ހުޅުވާނެ ކަމަށެވެ.