ކުރިން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރި، ކ. އޮޅަހަލީގައި ހަދާ މަތީ ފެންވަރުގެ ރިސޯޓު އަންނަ އަހަރު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ގާފަރު ކަނޑުއޮޅި ކައިރީގައި އޮންނަ ހަ ހެކްޓަރުގެ ރަށް ތަރައްގީކުރާ މޮރިޝަސްގެ ލަކްސް ހޮޓެލްސް އެންޑް ރިސޯޓުން ބުނީ އެ ކުންފުނިން ތަރައްގީކުރާ ރިސޯޓު އަންނަ އަހަރުގެ އޭޕްރީލް މަހު ހުޅުވާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ އަލަށް ހަދާ ރިސޯޓަކީ ރާއްޖޭގެ ޓޫރިޒަމްގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އަންނާނެ ތަނެއް ކަމަށެވެ. އެގޮތުން ޖާގަ ބޮޑު ޕެންޓްހައުސް ރެސިޑެންޓް ގޮތަށް ވިލާ ހަދަން ނިންމާފައިވާ ކަމަށް ލަކްސް އިން ބުންޏެވެ.
މާލެއިން ފުރައިގެން ގަޑިއެއްހާއިރުން ދެވޭ ހިސާބުގައި އޮންނަ ރަށުގެ ގޮނޑުދޮށުގަ އާއި މޫދުގައި ހަދާ ދެ ބުރީގެ 60 ވިލާތަކުގެ ބޮޑު މިނުގައި 255 އަކަމީޓަރު ހުރެ އެވެ. އެއިން ކޮންމެ ވިލާއެއްގައި 120 އަކަމީޓަރުގެ ޓެރަސްއެއް ހިމަނާފައިވެ އެވެ. އެ ރިސޯޓުގައި ހުންނަ ވިލާތައް ޑިޒައިންކުރީ ސިންގަޕޫރުގެ މިއާޖާ ޑިޒައިން ގްރޫޕުންނެވެ.
ލަކްސް ރިސޯޓު ތަރައްގީ ކުރަނީ ސްރީ ލަންކާގެ ސަންކަން އޯވަސީސް ކިޔާ ކުންފުންޏަކުންނެވެ.
އދ. ދިއްދޫފިނޮޅުގައި ވެސް އެ ކުންފުނިން އަންނަނީ ލަކްސް މޯލްޑިވްސްގެ ނަމުގައި ހިންގާ ރިސޯޓުގައި 193 ޕެވިލިއަން ވިލާ ހުރެ އެވެ.