ބިދޭސީން އަތުން ޓެކްސް ނަގައި، މުސާރަ ބޭންކަށް ޖަމާކުރަން އިސްލާހެއް

ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖޭން ބޭރަށް ފޮނުވާ ފައިސާ އިން ތިން ޕަސަންޓްގެ ރެމިޓެންސް ޓެކްސް ނަގަން ވަޒީފާއާ ބެހޭ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ. މިއީ މި އަހަރުގެ ދައުލަތުގެ ބަޖެޓްގައި ވެސް ހިމަނާފައިވާ ކަމެކެވެ.


ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ވޯކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވިސާ ލިބިގެން މެނުވީ ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތުން މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ވާނީ ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ ބިދޭސީއެއްގެ ނަމުގައި އޮންނަ އެކައުންޓަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: ބިދޭސީން އަތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަނީ ތިން ޕަސަންޓް - ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ އިސްލާހުގައި ވަނީ ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންވާ ކަމަށެވެ.

ވަޒީފާ ދޭ ފަރާތްތަކުން ގާނޫނަށް އަމަލުނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތަކަށް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހުއްޓާލުމުގެ ބާރު މި އިސްލާހުން ވަނީ ލިބިދީފަ އެވެ. އަދި ގާނޫނުގައި މުސާރަ އާއި އިނާޔަތް ދިނުމާ ބެހޭ ކަންކަން ތަންފީޒު ކުރުމަށް ކަމާ ބެހޭ ގަވާއިދެއް އެކުލަވާލަން ޖެހެ އެވެ.

މީގެ އިތުރުން ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކަށް އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކަށް ހިދުމަތުގެ ފީއެއް ނެގުމުގެ އިހްތިޔާރު ވެސް މިނިސްޓްރީ އަށް ލިބިގެންވެ އެވެ.

އަމީތު ވިދާޅުވީ މި އިސްލާހުގެ ބޭނުމަކީ ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ބިދޭސީންނަށް މުސާރަ އާއި އިނާޔަތް ދިނުމުގައި އަމަލުކުރާ އުސޫލު މިހާރަށް ވުރެ ހަރުދަނާ ކުރުން ކަމަށެވެ. އަދި ބިދޭސީންނަށް އުޖޫރަ ދިނުމާ ގުޅޭ ގޮތުން ވަޒީފާ ދޭ ފަރާތުން އަދާކުރަން ޖެހޭ ޒިންމާތަކާ ތަކުރާރުކޮށް ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ވެސް އިސްހާލުގެ އެއް ބޭނުމަކަށް ވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ލޯކަލް މާރުކޭޓު ސަރަހައްދުގައި ބަނދަރުކޮށްފައިވާ ދޯންޏަކަށް ދެ ބިދޭސީން މުދާ ބަރުކުރަނީ:.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އަހަރުގެ ނިޔަލަށް ބިދޭސީންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން 363 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) ރާއްޖެއިން ބޭރުކޮށްފައިވާ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

ސަރުކާރުން މި އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ހުށަހެޅިއިރު މި އަހަރު ރެމިޓެންސް ފީގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރެ އެވެ. އަދި ގަވައިދާ ހިލާފަށް ގާތްގަނޑަކަށް 20،000 ބިދޭސީން އުޅޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.