ރަށްރަށުން ގެންނަ ކަރާ މަދުވެ، މާލޭގެ ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 50ރ. އަށް އުފުލިއްޖެ އެވެ.
ލޯކަލް މާރުކޭޓުގެ ގޮޅިއަކުން ވާހަކަ ދެއްކި މީހަކު ބުނީ ރަށްރަށުން ގެންނަ ކަރާ ވަރަށް ބޮޑަށް މަދުވުމުން މިހާރު އާންމުކޮށް ލިބެނީ އިންޑިއާ ކަރާ ކަމަށެވެ.
މި ރޯދަ މަސް ފެށުނުއިރު އއ. ތޮއްޑު އާއި ކާށިދޫ އަދި ދަނޑުވެރިކަން ކުރާ އެހެން ބައެއް ރަށްރަށުން ގިނަ އަދަދަކަށް ކަރާ ގެނެސްފައިވެ އެވެ. އެއާއެކު ކަރާ މާލޭގެ ބާޒާރުގައި ވަރަށް ބޮޑަށް ތިޔާގިވި އެވެ.
ނަމަވެސް ބާޒާރުގައި ކަރާ މަދުވެ، މިހާރު ކަރާ ކިލޯއެއްގެ އަގު އާންމުކޮށް އުޅެނީ 35ރ. 45ރ. އަދި 50ރ. އަށެވެ.
ރާއްޖޭގައި ހައްދާ ކަރާ ކިލޯއެއްގެ އަގު 50ރ. އަށް އުފުލުނުއިރު، މި ރޯދަ މަސް ފެށުނުއިރު ކަރާ ކިލޯއެއްގެ އަގު އުޅެނީ 15ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ލޯކަލް މާރުކޭޓުގައި ކަރާ ވިއްކަން ހުރި މީހަކު މިއަދު ބުނީ، މާރުކޭޓުގައި ވިއްކުމަށްޓަކައި ކަރާ ކިލޯއެއް ލިބެނީ 37ރ. އަށް ކަމަށާއި ފައިދާ ލާފައި އޭނާ ވިއްކަނީ ކިލޯއެއް 45ރ. އަށް ކަމަށެވެ.
"މި އީދާ ދެމެދު ހީވަނީ މިގޮތަށް ހެން އަގު ހުންނާނީ. ވިއްޔާ އަދިވެސް ވާނީ ބޮޑު،" ރ. ފައިނުން ގެނައި ކަރާތަކެއް ވިއްކަން ހުރި އެ މީހާ ބުންޏެވެ.
ކަރާ ކިލޯއެއްގެ އަގު ވަރަށް ބޮޑުތަން އުފުލިފައިވާއިރު، ކަރާގެ ސައިޒު ވެސް މިހާރު ވަރަށް ކުޑަކަން ފާހަގަ ކުރެވެ އެވެ.
މާރުކޭޓުގެ ގޮޅިއަކުން ވާހަކަ ދެއްކި މީހާ ބުނީ މި ރޯދަމަސް ނިމުމުގެ ކުރިން ރަށްރަށުގެ ކަރާ ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ.