"އުރީދޫ ނެކްސްޓް"ގެ ނަމުގައި އެ ކުންފުނިން ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމެއް ތައާރަފްކޮށްފި އެވެ.

އެ ހިދުމަތް ތައާރަފް ކުރުމަށް އުރީދޫ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، "އުރީދޫ ނެކްސްޓް" އަކީ އާޓިފިޝަލް އިންޓެލިޖެންސް އާއި އަމިއްލަ އަށް ކަންކަން ދަސްކޮށް، ތަރައްގީވާނެ ގޮތަށް މެޝިން ލާނިން ހިމެނޭ ޕްލެޓްފޯމެއް ކަމަށެވެ.

"އުރީދޫން އަބަދު ވެސް މަސައްކަތް ކުރަނީ ފަހުގެ ޓެކްނޮލޮޖީތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އާ ފުރުސަތުތަކާއި ތަޖުރިބާތައް ފޯރުކޮށްދޭން. މިގޮތުން އުރީދޫ ނެކްސްޓް މިއީ ކަސްޓަމަރުންނަށް ތައާރަފްކޮށްދިން ޑިޖިޓަލް ބައިވެރިއެއް،" ނަޖީބް ވިދާޅުވި އެވެ.

"ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް އަޅުގަނޑުމެންނަށް ލިބިގެން ދާނީ ކަސްޓަމަރުންނާ އެކު މުއާމަލާތް ކުރަން މުޅިންއާ ގޮތެއް."

ނަޖީބް ވިދާޅުވީ "އުރީދޫ ނެކްސްޓް"ގެ ހިދުމަތް ދޭނީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ސޯޝަލް މީޑިއާތައް މެދުވެރިކޮށް އެ ހިދުމަތްދޭން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފާސްޓްފޯވާޑް.އޭއައިގެ ސީޕީއޯ ރޯމިއޯ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު
ފާސްޓްފޯވާޑް.އޭއައިގެ ސީޕީއޯ ރޯމިއޯ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު

"އުރީދޫ ނެކްސްޓް" ތައާރަފްކުރީ ޕްރިޕެއިޑް މޯބައިލް މާކެޓަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުންދާ ސިލިކަން ވެލީގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ފާސްޓްފޯވާޑް.އޭއައިއާ ގުޅިގެންނެވެ. އެ ކުންފުނީގެ ސީޕީއޯ ރޯމިއޯ އެސް. ގަނޭސްކޫ ވިދާޅުވީ، ކުރިން 10-20 ކްލިކް ކޮށްގެން ކުރާ ކަންކަން އާ ހިދުމަތާ އެކު އެންމެ ކްލިކަކުން ކުރެވޭނެ ކަމަށެވެ.

"ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް 100 ޕަސެންޓް ކޮންޓްރޯލް ދިނުމަށް، މޯބައިލް އޮޕަރޭޓަރުންނަށް އަޅުގަނޑުމެން އެހީތެރިވާނަން. މި ހިދުމަތާ އެކު؛ ބޭނުން ކުރާނީ ކޮން ހިދުމަތެއްކަން، ކިހިނެއްކަން ނުވަތަ ކޮން ވަގުތެއްގައި ކަން ނިންމާނީ ކަސްޓަމަރުން،" ރޯމިއޯ ވިދާޅުވި އެވެ.

އުރީދޫގެ ހެޑް އޮފް ކަސްޓަމާ ކެއާ ގުލްނާޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު
އުރީދޫގެ ހެޑް އޮފް ކަސްޓަމާ ކެއާ ގުލްނާޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު

އުރީދޫގެ ހެޑް އޮފް ކަސްޓަމާ ކެއާ ގުލްނާޒް މާހިރު ވިދާޅުވީ ރާއްޖޭގެ ކޮންމެ މޯބައިލް ކަސްޓަމަރަކަށް ވެސް "އުރީދޫ ނެކްސްޓް"ގެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ. އެ ހިދުމަތް ލިބޭނީ އުރީދޫން އާންމުކޮށްފައިވާ ކޯޑް ފޭސްބުކް މެސެންޖާ އިން ސްކޭން ކުރުމުންނެވެ.

"ކޮންމެ ނެޓްވޯކެއްގައި އުޅުނަސް މި ހިދުމަތް ބޭނުން ކުރެވޭނެ. އުރީދޫ ކަސްޓަމަރުންނަށް ފޭސްބުކް މެސެންޖާ ހިލޭ ބޭނުން ކުރެވޭނެ، އެހެންވީމަ މި ހިދުމަތް ވެސް ހިލޭ ލިބިގެން ދާނެ،" ގުލްނާޒް ވިދާޅުވި އެވެ.

"އުރީދޫ ނެކްސްޓު ބޭނުންކުރާ ބޭފުޅުންނަށް އެންމެ ފަހުގެ ޕްރޮމޯޝަންތަކާއި ހިދުމަތްތަކާއި، ހިދުމަތްތަކުގެ އަގުތަކުގެ މައުލޫމާތު ވަރަށް ފަސޭހައިން ލިބޭނެ. އުރީދޫ ކަސްޓަމަރުންނަށް އޮންލައިންކޮށް ހިދުމަތްތައް ހޯދަން ވެސް މީގެ ތެރެއިން ވަރަށް ފަސޭހަ ވާނެ."

ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހިދުމަތް ބޭނުންކުރާގޮތް ވަނީ ދައްކާލައިފަ އެވެ. އުރީދޫން އާންމުކޮށްފައިވާ ކޯޑް ފޭސްބުކް މެސެންޖާ އިން ސްކޭން ކުރުމުން ޗެޓް ސްކްރީނެއް ހުޅުވޭނެ އެވެ. އެ ޗެޓް ވިންޑޯގައި ރައްޓެހިންނާ ވާހަކަ ދެއްކޭ ގޮތަށް އުރީދޫގެ ހިދުމަތްތައް ހޯދުމަށް ޗެޓްކޮށް، އޮޕްޝަންތައް އިތުރަށް ބަލައި ހެދޭނެ އެވެ.