ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި 130 އަށް ވުރެ ގިނަ ޖެޓް ރާއްޖެ އަންނާނެ: އެމްއޭސީއެލް

ކްރިސްމަސް އާއި އާ އަހަރާ ގުޅުވައިގެން 130 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓް މިއަދުން ފެށިގެން ކުރިއަށް އޮތް 10 ވަރަަކަށް ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.


ރާއްޖޭގެ ޓޫރިޒަމް ސީޒަނަކީ ޔޫރަޕަށް ފިނި މޫސުން ކަމަށްވާ ނޮވެމްބަރުން އޭޕްރީލް މަހާ ދެމެދެވެ. ހާއްސަކޮށް، މި ދުވަސްވަރު އަންނަ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އާދެ އެވެ. އޭގެ ތެރޭގައި ބޮޑެތި މަހުޖަނުންނާއި މަޝްހޫރު މީހުން ހިމެނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ މިދުވަސްވަރު އެވްރެޖްކޮށް ދުވާލަކު 12 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓް އަންނަ ކަމަށެވެ. އެގޮތުން މިއަދު އެކަނި ވެސް 26 ޖެޓް ޕާކުްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނަށް އަންނައިރު ޕާކް ކުރާނެ ޖާގަ ނެތިގެން އެހެން އެއާޕޯޓުތަކަށް ވެސް ބައެއް ޖެޓްތައް އެބަދޭ. އެކަމަކު އެވްރެޖްކޮށް ދުވާލަކު 12 ޕްރައިވެޓް ޖެޓް އެބަ އާދޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން އަހަރުތަކަށް ވުރެ މިއަހަރުގެ އަންނަ ޖެޓްގެ އަދަދު މަދުވި ނަމަވެސް އަންނަ ބޯޓުތަކުގެ ސައިޒް ބޮޑުވުމުން އެއާޕޯޓުގައި ޕާކުކުރާނެ ޖާގަ ހޯދަން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު 26 ޖެޓް ޕާކުކުރާއިރު، މާދަމާ 27 ޖެޓް ޕާކުކުރާނެ އެވެ. އަދި މި މަހުގެ 30 ގައި 38 ޖެޓް ޕާކުކުރާއިރު، ޖެނުއަރީ އެއްވަނަ ދުވަހު 38 ޖެޓް އަދި ޖެނުއަރީ ތިންވަނަ ދުވަހު 36 ޖެޓް ޕާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވެލާނާ އެއާޕޯޓުގައި ޖާގަ ނެތިގެން މީގެ ކުރީގެ އަހަރުތަކުގައި ޖެޓުތައް ޕާކުކުރަން ޑޮމެސްޓިކް ބައެއް އެއާޕޯޓުތަކަށާއި އަވައްޓެރި ގައުމުތަކަށް ވެސް ފޮނުވާފައިވެ އެވެ. އެކަމަކު، އަމިއްލަ ޖެޓުތަކަށް ހާއްސަކޮށް އެއާޕޯޓުގެ އުތުރު ކޮޅުގައި ތަރައްގީ ކޮށްފައިވާ އޭޕްރަން ބޭނުން ކުރަން ފަށާފައި ވާތީ، މިހާރު ޖާގަ ވަނީ ތަނަވަސްވެފަ އެވެ.