ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްރެފިކްގެ އާ ރެކޯޑެއް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިދިޔަ އާދީއްތަ ދުވަހަކީ އަނެއްކާ ވެސް އެ އެއާޕޯޓްގެ ތާރީޚުގައި އެންމެ ގިނަ އެއާކްރާފްޓް މޫވްމެންޓްސް ރެކޯޑް ކުރެވުނު ދުވަސް ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.


ވީއައިއޭ ހިންގާ ކުންފުނީގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ އާދީއްތަ ދުވަހު 644 އެއާކްރާފްޓް މޫވްމެންޓްސް ރެކޯޑް ކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ދެވަނަ ދުވަހު ވެސް 567 އެއާކްރާފްޓް މޫވްމަންޓްސް ރެކޯޑްކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މިއީ މިދިޔަ އަހަރުގެ ރެކޯޑަށް ވުރެ 77 އެއާކްރާފްޓް މޫވްމަންޓް އިތުރު އަދަދެކެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އާދީއްތަ ދުވަހު ވީއައިއޭއިން ބައިނަލްއަގްވާމީ މަތިންދާބޯޓުތަކުގެ 108 މޫވްމެންޓްސް ރެކޯޑް ކޮށްފައިވެ އެވެ. އަދި ޑޮމެސްޓިކްގެ 94 ފްލައިޓް މޫވްމަންޓުގެ އިތުރުން ސީޕްލޭންގެ 442 މޫވްމެންޓް ރެކޯޑް ކޮށްފައިވެ އެވެ.

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު،" ހަސަން ވިދާޅުވި އެވެ.

އާ އަހަރު ފާހަގަކުރަން އަމިއްލަ ޖެޓްތަކުގައި ރާއްޖެ އައި މުއްސަނދިންގެ އަދަދު ވެސް މި އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހަފުތާއެއްހާ ދުވަހު 140 އަށް ވުރެ ޖެޓް މަތިންދާބޯޓު ވީއައިއޭއަށް ޖައްސާފައިވެ އެވެ.