ސްޓޮކް މާކެޓު އަގު 16.12 ބިލިޔަން ރުފިޔާ އަށް އަރައިފި

ދިވެހިރާއްޖޭގެ ސްޓޮކް މާކެޓުގައި ލިސްޓް ކޮށްފައިވާ ކުންފުނިތަކުގެ ޖުމްލަ އަގު ނުވަތަ މާކެޓް ކެޕިޓަލައިޒޭޝަން 16.12 ބިލިޔަން ރުފިޔާ އަށް އަރާފައިވާ ކަމަށް، ސްޓޮކް އެކްސްޗޭންޖުގެ ޗެއާމަން އަލާއު އަލީ ވިދާޅުވެއްޖެ އެވެ.


ސްޓޮކް އެކްސްޗޭންޖާއި، ސެކިއުރިޓީސް ޑިޕޮސިޓަރީ އަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަލާއު ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހު ކުންފުނިތަކުގެ ޖުމްލަ އަގު އުޅުނީ 15.4 ބިލިޔަން ރުފިޔާގައި ކަމަށެވެ.

"އަޅުގަނޑުމެން 2008 ގައި މަސައްކަތްތައް ފެށިގެން ދިޔައީ ހަތަރު ކުންފުންޏެއް ލިސްޓް ކުރެވިގެން. އޭރު މާކެޓް ކެޕިޓަލައިޒޭޝަނަކީ 2.9 ބިލިޔަން. ނަމަވެސް މިދިޔަ ޖެނުއަރީގަައި 15.4 ބިލިޔަން ރުފިޔާ އަށް އަރައިފި،" މަޝްހޫރު ވިޔާފާރިވެރިޔާ އަލާއު ވިދާޅުވި އެވެ.

"މިއީ ބިލިޔަން ޑޮލަރަށްް ވުރެ މަތި، އެހެންކަމުން އަޅުގަނޑު ހުރިހާ ފަރާތްތަކަށް ވެސް މި ކާމިޔާބީ އަށް މަރުހަބާ ކިޔަން، މިއީ ފާހަގަ ކުރަން ޖެހޭ ވަރުގެ ކާމިޔާބީ އެއް. އަދި އަޅުގަނޑުމެން މިއަދު މެންދުރު ބެލި އިރު މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 16.12 ބިލިޔަން ރުފިޔާ އަށް އަރާފައި،"

ސްޓޮކް އެކްސްޗޭންޖާއި ސެކިއުރިޓީސް ޑިޕޮސިޓަރީސް އަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު ހުމަދު ނަސީރު ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އެލިޔާގެ މެނޭޖިން ޑައިރެކްޓަރު ކަން ވެސް ކުރައްވާ އަލާއު ވިދާޅުވީ، ސްޓޮކް މާކެޓް އިތުރަށް ތަރައްގީ ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ސްޓޮކް މާކެޓްގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށް، "ޑުއަލް ލިސްޓިން"ގެ މަސައްކަތްތައް ފެށުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގެ "އޯޕަން މާކެޓް ޕޮލިސީ" އަށް މަރުހަބާ ކިޔާ ކަމަށް ވެސް ވިދާޅުވި އެވެ.

ލިސްޓް ކޮށްފައިވާ ކުންފުނިތަކުގެ ޖުމްލަ އަގަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ބަދަލެއް އަންނާނީ، ހިއްސާގެ އަގު ބަދަލުވުމުން ނުވަތަ އިތުރު ކުންފުންޏެއް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓް ކުރުމުންނެވެ. ލަފާކުރެވޭ ގޮތުގައި، ސްޓޮކް އެކްސްޗޭންޖަށް އެފަދަ ބަދަލެއް އައުމުގައި އެންމެ ބޮޑު ހިއްސާއެއް ކުރީ އެމްޓީސީސީގެ ރައިޓްސް އިޝޫ މިއަރު ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކުރުމާ ގުޅިގެންނެވެ.

ސްޓޮކް އެކްސްޗޭންޖް އަދި ސެކިއުރިޓީސް ޑިޕޮސިޓަރީގެ ސީއީއޯ އައުޝަން، މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ސްޓޮކް އެކްސްޗޭންޖް އަދި ސެކިއުރިޓީސް ޑިޕޮސިޓަރީގެ ސީއީއޯ އައުޝަން ލަތީފް ވިދާޅުވީ، ކުރިއަށް އޮތް ތަަނުގައި ސްޓޮކް އެކްސްޗޭންޖް އިތުރަށް ތަރައްގީކޮށް، ފުޅާ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ވީހާވެސް ގިނަ ކުންފުނިތަކުން ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކުރުމަށް ވެސް އެދިލެއްވި އެވެ.

"[ސްޓޮކް އެކްޗޭންޖުގައި ލިސްޓް ކުރުމުން] ކުންފުނިތަކުގެ ކޯޕަރޭޓް އިމޭޖް ރަނގަޅުވެ، ކުންފުނީގެ މަސައްކަތްތައް ހަރުދަނާވެ، މީޑިއާ އެކްސްޕޯޝާ ލިބި، ބައިނަލްއަގުވާމީ ގޮތުން ކުންފުނި ބަލައިގަންނަ ވަރު އިތުރުވެގެންދޭ،" ސްޓޮކް އެކްސްޗޭންޖުގެ ހިންގުމާ ހަވާލުވި ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އައުޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަމާޒަކީ ލިސްޓް ކޮށްފައި ހުރި ކުންފުނިތައް ދެ ގުނަ އަށް އިތުރުކުރުން ކަމަށެވެ. އަދި ސްޓޮކް އެކްސްޗޭންޖަކީ ވީހާވެސް ފަސޭހައިން ކުންފުނިތަކަށް ބައިވެރިވެވި، ކެޕިޓަލް މާކެޓަށް ވަދެވޭނެ ޕްލެޓްފޯމަކަށް ހެދުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން އިތުރު މަސައްކަތްތައް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރާ މަޝްވަރާކޮށްގެން، ކުރިއަށް އޮތް ތަނުގައި ގަވަމެންޓް ސެކިއުރިޓީސް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް އިޝޫ ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާނެ،" އައުޝަން ވިދާޅުވި އެވެ.

ސްޓޮކް އެކްސްޗޭންޖާއި ސެކިއުރިޓީސް ޑިޕޮސިޓަރީސް އަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

މިރޭގެ ޖަލްސާގައި ވަނީ ސްޓޮކް އެކްސްޗޭންޖާއި ސެކިއުރިޓީސް ޑިޕޮސިޓަރީ އަށް ފާހަގަ ކޮށްލެވޭ ހިދުމަތްތައް ދިން ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑް ދީފަ އެވެ. އަދި މިދިޔަ އަހަރު އަނިޔާވެރިކޮށް މަރާލި، އެ ކުންފުނީ އައިޓީ ޑިޕާޓްމަންޓްގައި މަސައްކަތް ކުރި ބްލޮގާ ޔާމީން ރަޝީދުގެ ހަނދާން އާކޮށް، އޭނާގެ މަސައްކަތްތަކަށް ވެސް ވަނީ އެވޯޑެއް ދީފަ އެވެ.

ޔާމީން ރަޝީދު ވަނީ، ސްޓޮކް އެކްސްޗޭންޖުން އައިޕީއޯ ތަކުގައި ބޭނުން ކުރަން ފަށާފައިވާ އިންފިނިޓީ ޕޯޓަލް ތަރައްގީ ކުރުމުގައި އިސްކޮށް މަސައްކަތް ކޮށްފަ އެވެ. އެ ޕޯޓަލް އަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ކާމިޔާބު ޕޯޓަލެއް ކަންމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ވީހާވެސް ފަސޭހަކަމާ އެކު ގިނަ މައުލޫމާތުތަކެއް ލިބޭގޮތަަށް ފަރުމާކޮށްފައިވާ ސްޓޮކް އެކްސްޗޭންޖްގެ އާ ވެބްސައިޓް ވެސް މިރޭ ވަނީ ލޯންޗް ކޮށްފަ އެވެ.