ރާއްޖޭގެ ކެޕިޓަލް މާކެޓްގެ އިންފްރާސްޓްރަކްޗާ މިހާރަށް ވުރެ ހަރުދަނާކޮށް، ވިޔަފާރިތަކާއި އިންވެސްޓަރުންނަށް އިތުރު ފުރުސަތު ހޯދާދެވޭނެ މަގުތައް ވަނީ ބޭނުންވެފަ އެވެ.

މި ދާއިރާ ކުރިއަރުވައި، ހުރި ފުރުސަތުތައް އިތުރުކޮށް، މިހާރަށް ވުރެ ހަރުދަނާ އޮނިގަނޑެއް ބިނާކުރުމުގެ ގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއީ) އާއި ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)އިން ވަނީ 2026-2030 ގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައިފަ އެވެ. މި ސްޓްރެޓެޖިކް ޕްލޭންގެ އަމާޒަކީ ދިވެހި ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުރުން، ރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ދުރުރާސްތާގެ އިންވެސްޓްމެންޓު ސްޓްރެޓެޖީތަކާ ގުޅުވައިދިނުމެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަކީ ސެކިއުރިޓީޒް ލިސްޓުކޮށް، ސެކަންޑަރީ މާކެޓުގައި ވިއްކުމުގެ ލައިސަންސް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީން ދޫކޮށްފައިވާ ރާއްޖޭގެ ހިއްސާގެ ބާޒާރުގެ އޮޕަރޭޓަރެވެ. އެމްއެސްއީގެ ސަބްސިޑަރީ ކުންފުނި އެމްއެސްޑީއަކީ ލިސްޓު ކޮށްފައިވާ ސެކިއުރިޓީތައް ސެކަންޑަރީ މާކެޓުގައި ގަނެވިއްކުމުގެ މުއާމަލާތްތަކަށް ބޭނުންވާ ސެންޓްރަލް ޑިޕޮސިޓަރީގެ ހިދުމަތާއި ކްލިއަރިން އަދި ސެޓްލްމަންޓުގެ ކަންކަން ފުރިހަމަ ކުރާ މައި ސެންޓްރަލް ޑިޕޮސިޓަރީ އެވެ.

ވިޔަފާރިތަކަށް ފައިނޭންސް ހޯދޭނެ ގޮތްތައް ކެޕިޓަލްމާކެޓް މެދުވެރިކޮށް އިތުރުކުރުން

އެމްއެސްއީ އިން އެކުލަވާލާފައިވާ ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނުގައި، ސްޓޮކް އެކްސްޗޭންޖުން ގާއިމްކޮށްގެން ހިންގާ ރާއްޖޭގެ ކެޕިޓަލް މާކެޓް އިންފްރާސްޓްރަކްޗާ އިން އަދާކުރެވިދާނެ މުހިންމު ދައުރު ވަނީ ހިމަނައިފަ އެވެ.

ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލަމުންދާ ނާޒުކު ދަޑިވަޅެއްގައި، ބެންކު ލޯނުފަދަ ދަރަނީގެ ވަސީލަތްތަކަށް އެކަނީ ބަރޯސާ ވުމުގެ ބަދަލުގައި، އިކުއިޓީ، ކޯޕަރޭޓް ބޮންޑު، ސުކޫކް އަދި މާކެޓް-ބޭސްޑް އެހެނިހެން ސެކިއުރިޓީޒްގެ ބާޒާރުގެ ވަސީލަތްތައް ބޭނުންކުރުމެ މަގު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބިގެން ދިއުމަކީ އެ ކުންފުނީގެ މެދު ރާސްތާގެ އަމާޒެކެވެ.

އެ ސްޓްރެޓެޖިކް ޕްލޭނުގެ ދަށުން، ކުންފުނިތައް ލިސްޓުކުރުމަށް އެކަށީގެންވޭތޯ ބެލުމަށާއި ގަވާނަންސް، ފައިނޭންޝަލް ރިޕޯޓިން، ޑިސްކްލޯޝާ އަދި އިންވެސްޓަރުންނާ މުއާމަލާތްކުރުން ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން "އިޝުއާ-ރެޑިނަސް" ޕްރޮގްރާމްތަކެއް ތައާރަފުކުރުމަށް އެމްއެސްއީ އިން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، ޕްރައިވެޓް މާކެޓްގެ ތެރެއިން ވިޔަނަ އެމްއެސްއެމްއީ "ގްރޯތް ބޯޑު" ތައާރަފް ކުރުމުގެ ޕްލޭންތައް ވަނީ އެކުލަވާލައިފަ އެވެ.

އެ ޕްރޮގްރާމްގެ ދަށުން އެމްއެސްއެމްއީ ނޯޓްސް، ގެސްޓް ހައުސް ބޮންޑު އަދި ލީސިން-ބެކްޑް ސެކިއުރިޓީޒް ފަދަ ވަސީލަތްތައް ސީއެމްޑީއޭއާ އެކު މަސައްކަތް ކޮށްގެން ތައާރަފުކުރުމަކީ ވެސް ޕްލޭންގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަންތަކެވެ.

ފަތުރުވެރިކަން "ޕެރަޑައިސް" އިން އިންވެސްޓުކުރެވޭ "ޕޯޓްފޯލިއޯ"އަކަށް

ކެޕިޓަލް މާކެޓް ކުރިއެރުވުމަށް އެންމެ ބޮޑު ފުރުސަތެއް އޮތް އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ އެވެ. ޑޮމެސްޓިކް ކެޕިޓަލް މާކެޓުގައި ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ ބައިވެރިވުން މަދެވެ. އެހެންވެ، އެމްއެސްއީގެ ސްޓްރެޓެޖިކް ޕްލޭންގައި ފަތުރުވެރިކަމަކީ ކުރިމަގުގައި އިޝުއާ އެންގޭޖްމަންޓަށް އިސްކަންދޭ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައި 2027 ވަނަ އަހަރުގެ ނިޔަލަށް އެ ދާއިރާ އިން "އެންކާ ލިސްޓިން" އެއް ގެނައުމަށް ވަނީ ނިންމައިފަ އެވެ.

ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ފަރާތުން ފަތުރުވެރިކަމަށާއި އުފެއްދުންތެރި އެހެނިހެން ދާއިރާތަކަށް އިތުރު ކެޕިޓަލް ލިބޭނެ ފުރުސަތު އެ ސްޓުރެޓަޖީގެ ތެރެއިން އިތުރުވާނެ އެވެ. އެމްއެސްއީގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ "ޕެރަޑައިސް" އިން "ޕޯޓްފޯލިއޯ" އަކަށް ބަދަލުކޮށް، ވިޔަފާރިތަކަށް އިތުރަށް ކުރިއެރުމުގެ ފުރުސަތުތައް ފޯރުކޮށްދީ، ހާމަކަން ބޮޑު، އިންވެސްޓް ކުރެވޭ އެސެޓުތަކަކަށް ކުންފުނިތައް ހެދުމަށް މަގުފަހި ކޮށްދިނުމެވެ.

ސަރުކާރުގެ އަދި ކޯޕަރޭޓް ޑެޓް ސެކިއުރިޓީޒް އަށް މަގުފަހިކުރުން

ސަރުކާރުގެ އަދި ކޯޕަރޭޓް ޑެޓް މާކެޓްތައް ތަރައްގީކުރުމަށް ބޭނުންވާ މުހިންމު އިންފްރާސްޓްރަކްޗާ އެމްއެސްއީ އާއި އެމްއެސްޑީ އިން މިހާރު ވެސް ފޯރުކޮށްދެެ އެވެ. ރާއްޖޭގައި ޓްރެޝަރީ ބިލް، ބޮންޑު އަދި އިސްލާމިކް އިންސްޓްރޫމަންޓުތައް ވަނީ ދޫކޮށްފަ އެވެ. ހަރުދަނާ ސެކިއުރިޓީޒް މާކެޓެއްގައި މިފަދަ އިންސްޓްރޫމަންޓްތައް ލިސްޓް ކުރުމުން އާންމު ފަރުދުންނާއި އެހެނިހެން އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރުމުގެ ފުރުސަތު ތަނަވަސް ވެ އެވެ.

ޑެޓް ސެކިއުރިޓީޒް ލިސްޓު ކުރުމަށް ބޭނުންވާ ގަވާއިދުތައް އިސްލާހުކޮށް، އިތުރަށް މަގުފަހި ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ވަނީ ކަނޑައަޅައިފަ އެވެ.

ދިގުމުއްދަތުގެ ކެޕިޓަލް ހަރުދަނާ ގޮތުގައި މޮބިލައިޒް ކުރުން

ވިޔަފާރިތަކަށާއި ތަރައްގީގެ މަޝްރޫއުތަކަށް ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ފޯރުކޮށްދިނުމުގައި ޕެންޝަން ފަންޑުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި އެސެޓް މެނޭޖަރުންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މަސްވެރިކަމާއި އިންފްރާސްޓްރަކްޗާ އަދި ނޫ އިގްތިސާދަކީ ވެސް ފުރުސަތުތައް ހުރި ދާއިރާތަކެއްގެ ގޮތުގައި އެ ކުންފުނިން ދެކެ އެވެ. ގްރީން، ބްލޫ އަދި ސަސްޓެއިނަބިލިޓީއާ ގުޅިފައިވާ ސެކިއުރިޓީޒް މެދުވެރިކޮށް، ތިމާވެއްޓާއި އިގްތިސާދީ ގޮތުން އެދެވޭ ނަތީޖާތަކެއް ހާސިލުކުރަން ބޭނުންވާ އިންވެސްޓަރުންނާއި ޑިވެލޮޕްމަންޓް އިންސްޓިޓިއުޝަންތައް، ރާއްޖޭގެ އިތުބާރު ހުރި މަޝްރޫއުތަކާ ގުޅުވައިދިނުމުގެ އަމާޒުތައް، ޕްލޭންގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން 2030 ވަނަ އަހަރާ ހަމައަށް، ލިސްޓު ކުރެވޭ އިންސްޓްރޫމަންޓްތަކުގެ މަދުވެގެން 25 ޕަސެންޓަކީ ސަސްޓެއިނަބިލިޓީއާ ގުޅިފައިވާ އިންސްޓްރޫމަންޓް ތަކަކަށް ހެދުމަށް މަސައްކަތް ކުރުމަށް ސްޓްރެޓެޖިކް ޕްލޭންގައި ވެ އެވެ.

މި އަމާޒުތައް ހާސިލުކުރުމަށް އެކަށީގެންވާ މަޝްރޫއުތަކާއި އިތުބާރު ހުރި މިންގަނޑުތަކާއި އަދި ހާމަކަންބޮޑު ރިޕޯޓިން ފްރޭމްވޯކުތައް ހެދުމުގެ މަސައްކަތް ގުޅުން ހުރި އިދާރާތަކާ އެކު ކުރިއަށް ގެންދާނެ އެވެ.

އިތުބާރުން ބިންގާ އެޅިފައިވާ ސެކިއުރިޓީޒްގެ ބާޒާރެއް

އެކްސްޗޭންޖް އަދި ޑިޕޮސިޓަރީއެއްގެ އެންމެ އަގު ހުރި އަސާސަކީ މާކެޓާ މެދު އުފައްދާ އިތުބާރެވެ. ސްޓޮކް އެކްސްޗޭޖު ކުންފުނި އަދި ޑިޕޮސިޓާރީއިން މިދިޔަ 18 އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ސެކިއުރިޓީޒްގެ ބާޒާރުގައި، އިންވެސްޓަރުން އަދި ކުންފުނިތަކުގެ މެދުގައި އިތިބާރު ހިފޭ ނިޒާމެއް ވަނީ ގާއިމުވެފަ އެވެ.

ސައްހަ އޯނާޝިޕް ރެކޯޑުތަކާއި އިންތިޒާމުވެފައިވާ ސެޓްލްމަންޓާއި ހާމަކަންބޮޑު ޑިސްކްލޯޝާތަކުގެ އިތުރުން ރައްކާތެރިކަމާ އެކު މެދުކެނޑުމެއް ނެތި މަސައްކަތް ކުރާ ސިސްޓަމްތައް އިންވެސްޓަރުންނާ ހަމައަށް ވަނީ ފޯރުކޮށްދީފަ އެވެ. އެ އިތުބާރު ނެގެހެއްޓުމުގެ ގޮތުން ގަވާނަންސް، ސައިބާސެކިއުރިޓީ، ބިޒްނަސް ކޮންޓިނިއުޓީ، މާކެޓް ސާވެއިލަންސް އަދި އިންވެސްޓަރުންގެ ހިމާޔަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށް އެ ޕްލޭންގައި ވަނީ ހިމަނައިފަ އެވެ.

ޒަމާނީ ފެންވަރަށް އުފައްދާފައިވާ ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީ (ސީއެސްޑީ) ސިސްޓަމް ތައާރަފްކުރުމާއި ސެޓްލްމަންޓް-ބޭންކް ޕްރޮސެސްތަކާ ގުޅުވާލުމާއި އަދި ޓްރޭޑިން، އޯނާޝިޕް ރެކޯޑުތައް، ރިޕޯޓިންގެ އިތުރުން އިންވެސްޓާ ޕްލެޓްފޯމްތަކާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ހަރުދަނާކުރުން ސްޓްރެޓެޖިކް ޕްލޭންގައި ވެ އެވެ.

އެމްއެސްޑީ އިން ބުނީ ގޮތުގައި ސީއެސްޑީ ސިސްޓަމްގެ ފުރަތަމަ ފިޔަވަހި ނިމި، އިންޓާނަލް ޓެސްޓިން ވަނީ ފަށައިފަ އެވެ. ސިސްޓަމްތަކުގެ އިންޓަގްރޭޝަންގެ ބޭނުމަކީ މެނުއަލްކޮށް ކުރާ މަސައްކަތްތައް މަދުކޮށް، ޕޯސްޓް-ޓްރޭޑް ކޮންޓްރޯލްތައް ހަރުދަނާކޮށް، މާކެޓްގައި ބައިވެރިވާ ފަރާތްތަކަށް މިހާރަށް ވުރެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ރާއްޖެ ބޭނުންވާ ސެކިއުރިޓީޒްގެ ބާޒާރުގެ އިންފްރާސްޓްރަކްޗާ އެމްއެސްސީ އަދި އެމްއެސްޑީ އިން އަންނަނީ ގާއިމްކޮށް، އިތުބާރާ އެކު ދަމަހައްޓައި ތަރައްގީކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. ކުރިއަށް އޮތް މަރުހަލާއަކީ،  ސެކިއުރިޓީޒް މާކެޓާއި އިގްތިސާދީ ހަރަކާތްތައް އިތުރަށް ގުޅުވާލައި، ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ޕްރޮގަރާމްތައް ހިންގުމެވެ.

އެ ކުންފުނިން އެކުލަވާލާފައިވާ ސްޓްރެޓެޖީ ކާމިޔާބުވެއްޖެ ނަމަ، އިތުރު ވިޔަފާރިތަކަށް ދިގު މުއްދަތުގެ ކެޕިޓަލް ލިބި، ރެގިއުލޭޓު ކުރެވިފައިވާ ގިނަ ފުރުސަތުތަކެއް އިންވެސްޓަރުންނަށް ހުޅުވި، ފުޅާ އަދި ހާމަކަންބޮޑު ފައިނޭންސިން އިކޯސިސްޓަމެއްގެ ފައިދާ ލިބޭނެ އެވެ.

ނޯޓު: މިއީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.