އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށް ނާގޯށި ވިއްކާލަނީ

ރިސޯޓެއްގެ ގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ތަރައްގީކުރަމުން އަންނަ ހދ. ނާގޯށި ގަންނަން އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތްތަކަށް ވިއްކާލަން ނިންމައިފި އެވެ.


ރިސޯޓު ތަރައްގީކޮށް ހިންގަން ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ 37 ޕަސެންޓް މަސައްކަތް ނިމިފައިވާ ރަށް ގަންނަން ހަ ފަރާތަކުން ޝައުގުވެރިކަން މިހާރު ވެސް ފާޅުކޮށްފައިވާ ކަމަށެވެ.

"ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެކަށީގެންވާ ރަނގަޅު އަގެއް ނުލިބޭތީ އަދިވެސް މަޑުކޮށްލައިގެން މިތިބީ. އަޅުގަނޑުމެން ބޭނުންވޭ މި ރަށް ވިއްކާލައިގެން ވެސް ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް ހޯދައިދޭން،" އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462.6 މިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވާ ރަށް ނުނިމި ލަސްވުމުން އެމްޓީޑީސީއާއެކު ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރި އެވެ. އަދި އަލުން އެ ރަށް ސަރުކާރުން އެ ކުންފުންޏާ 50 އަހަރަށް ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ އެވެ.

"އަޅުގަނޑުމެންނާ އަލުން ރަށް ހަވާލުކުރީ ކުރިން ނުދައްކާ ހުރި ކުއްޔާއި ޖޫރިމަނާ ވެސް މައާފްކުރުމަށް ފަހު. އެހެންވީމަ މިހާރު އެ ރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނޯންނާނެ،" އެމްޓީޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނާގޯށި ވިއްކާލަން ނިންމީ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން އަލުން ބޭންކުން ލޯނު ނަގައިގެން އެ ރަށް ތަރައްގީކުރުމަށް ދަތިތަކެއް ހުރުމުން ކަމަށެވެ.

އެމްޓީޑީސީން ސަބްލީސްކޮށްގެން ތަރައްގީކުރާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ގިނަ އެނދު ހިމެނޭ ރިސޯޓުގެ ގޮތުގައި ނާގޯށި ތަރައްގީ ކުރުމަށް އެމްޓީޑީސީން ހަވާލުކުރީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ތްރީ ކޭ އިންޓަނޭޝަނަލްއާ އެވެ. އެ ރަށް ހިންގުމުގެ އެއްބަސްވުމެއްގައި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ކާލްސަންއާ އެކު ތްރީ ކޭއިން 2011 ގައި ސޮއިކުރުމަށް ފަހު ބުނެފައިވަނީ 2012 ގައި އެ ރިސޯޓް ހުޅުވޭނެ ކަމަށެވެ.