ޑްރީމްލައިނާގެ އާ މަރުކާގެ ފުރަތަމަ ބޯޓް ސިންގަޕޯ އެއާލައިނަށް، އަންމަ މަހު ދަތުރުތައް ފަށާނެ

މަތިންދާބޯޓު އުފައްދާ އެމެރިކާގެ ބޮއިން ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ، ބޮއިން 787-10 ޑްރީމްލައިނާގެ ފުރަތަމަ ބޯޓު ސިންގަޕޯ އެއާލައިނަށް ހަވާލުކޮށް، އަންނަ މަހު އޭގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.


ސިންގަޕޯ އެއާލައިނުން ވަނީ އެންމެ ފުރަތަމަ އުފައްދާ 787-10 ޑްރީމްލައިނާގެ 49 މަތިންދާބޯޓު ގަތުމަށް ބޮއިންއާ އެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެގޮތުން މިއީ އެ އެއްބަސްވުމުގެ ދަށުން ބޮއިން އިން އެ ކުންފުންޏަށް ހަވާލުކުރި ފުރަތަމަ މަތިންދާބޯޓެވެ.

ސިންގަޕޯ އެއާލައިނުން އެ ބޯޓާ ހަވާލުވީ އާދިއްތަ ދުވަހު، އެމެރިކާގެ ނޯތު ޗާލްސްޓަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ސިންގަޕޯ އެއާލައިނާއި ބޮއިންގެ އިތުރުން މަތިންދާބޯޓުގެ އިންޖީނު އުފައްދާ ރޯލްސް ރޮއިސް ކުންފުނީގެ އިސް ވެރިން ބައިވެރިވި އެވެ.

ޑްރީމްލައިނާ 787-10 މަރުކާގެ ބޯޓެއްގެ އިކޮނޮމީ ކްލާސް.

"މި ބޯޓާ އެކު އަޅުގަނޑުމެންގެ ދަތުރުތައް އިތުރަށް ފުޅާކޮށް، އަޅުގަނޑުމެންގެ ނެޓްވޯކް ވަރުގަދަވެގެން ދާނެ،" ސިންގަޕޯ އެއާލައިންސްގެ ސީއީއޯ ގޫ ޗޫން ފޮންގް ވިދާޅުވި އެވެ.

ސިންގަޕޯ އެއާލައިނުން ބުނީ އާ މަތިންދާބޯޓް ބޭނުން ކުރާނީ، އަށް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކަށް ކަމަށެވެ. އެގޮތުން ފުރަތަމަ ޝެޑިއުލް ދަތުރުތައް އޮންނާނީ ޖަޕާނުގެ އޮސާކާ އާއި އޮސްޓްރޭލިއާގެ ޕާތު އަށެވެ.

ޑްރީމްލައިނާ 787-10 މަރުކާގެ ބޯޓެއްގެ ބިޒްނަސް ކްލާސް.

ޝެޑިއުލް ދަތުރުތައް ފެށުމުގެ ކުރިން މެލޭޝިޔާ އާއި ތައިލޭންޑަށް ވެސް އެ ބޯޓުގެ ޚާއްސަ ދަތުރުތަކެއް ކުރާނެ އެވެ. އެއީ ބޯޓުގެ ފަޅުވެރިން ތަމްރީންކުރަން ބާއްވާ ދަތުރުތަކެއް ކަމަށް ސިންގަޕޯ އެއާލައިނުން ވަނީ ބުނެފަ އެވެ.

މި މަތިންދާބޯޓު މިއަދު ސިންގަޕޫރަށް ދަތުރުކުރާނެ އެވެ. މި މަތިންދާބޯޓުގައި ހުންނާނީ 36 ބިޒްނަސް ކްލާސް ސީޓާއި، 301 އިކޮނޮމީ ކްލާސް ސީޓެވެ.

ސިންގަޕޯ އެއާލައިންސްގެ ޑްރީމްލައިނާ 787-10، މި ބޯޓު މިއަދު ސިންގަޕޫރަށް ދަތުރު ކުރާނެ.

ސިންގަޕޯ އެއާލައިނުގެ ބަޖެެޓް އެއާލައިން ކަމަށްވާ ސްކޫޓުން މިހާރު ވެސް ބޮއިންގް ޑްރީމްލައިނާގެ ދެ މަރުކާއެއް ކަމަށްވާ 787-8 އަދި 787-9 ގެ ބޯޓުތައް ދުއްވަ އެވެ.

ޑްރީމްލައިނާގެ އެންމެ ފަހުގެ މޮޑަލްގެ ބޯޓުގެ ދަތުރުތައް ފެށުމާ އެކު ސިންގަޕޯ އެއާލައިންސް ވާނީ ޑްރީމްލައިނާގެ ތިން މޮޑެލްގެ ބޯޓުތައް ބޭނުންކުރާ ދުނިޔޭގެ ފުރަތަމަ އެއާލައިނަށެވެ.