އެސްއެމްއީގެ 50 މިލިއަން ރުފިޔާގެ ލޯނަށް ފުރުސަތު ހުޅުވާލައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުޅާ ކުރަން ސަރުކާރުން ހިންގާ ލޯނު ސްކީމް، ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ)ގެ 50 މިލިއަން ރުފިޔާގެ ލޯނަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.


އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެސްއެމްއީގެ ލޯން ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހު މެންދުރު ފަހު 2:00 އާ ހަމަ އަށް އޮންނާނެ ކަމަށެވެ. މިދިޔަ އަހަރު އެސްއެމްއީ ލޯނުގެ ގޮތުގައި 38 މިލިއަން ރުފިޔާ ދޫކުރި އެވެ.

އިއުލާނުގައިވާ ގޮތުން ވަކި ފަރުދަކު ކުރާ ވިޔަފާރިއަކަށް އެންމެ ގިނަ އިން ލޯނު ދޫކުރެވޭނީ 500،000ރ. އާ ހަމައަށެވެ. ކުންފުންޏެއް ނުވަތަ ކޯޕަރޭޓް ސޮސައިޓީއެއް ހިއްސާވެގެން ވިޔަފާރި ކުރާ ނަމަ، އެ ފުޅާކުރުމަށް 1،500،000ރ. އާ ހަމަ އަށް ލޯނު ދޫކުރެވޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އެސްއެމްއީގެ ދަށުން މި އަހަރު ލޯނު ދޫކުރަން ހަމަޖައްސާފައިވަނީ މައިގަނޑު އަށް ދާއިރާއަކުންނެވެ. އެއީ ޓޫރިޒަމާއި ދަތުރުފަތުރުކުރުމާއި އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ ވިޔަފާރި ފުޅާ ކުރުމަށާއި ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުމަށާއި ކޯޕަރޭޓިވް ސޮސައިޓީއާ ގުޅޭ ވިޔަފާރިތަކަށެވެ. މީގެ އިތުރުން ހިދުމަތް ފޯރުކޮށްދިނުމާއި ވޭސްޓް މެނޭޖްމަންޓް ދާއިރާ އަދި އޯޕަން ކެޓެގަރީ އަށް ޕްރޮޕޯޒަލް ހުށަހެޅޭނެ އެވެ.

އެސްއެމްއީ ލޯނު ސަރުކާރަށް އަނބުރާ ދައްކަން ނުވަ އަަހަރަށް ވުރެ މުއްދަތު އިތުރުވެގެން ނުވާނެ އެވެ.

އެސްއެމްއީ ލޯންގެ ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ހަ ރަށެއްގެ ބިޒްނަސް ސެންޓަރުންނެވެ. އެއީ ޅ. ނައިފަރު، ލ. ފޮނަދޫ، ސ. ހިތަދޫ، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި، އަދި ދ. ކުޑަހުވަދޫ އެވެ. އަދި އޮންލައިންކޮށް ވެސް ޕްރޮޕޯޒަލް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.