އެސްޓީއޯ ސުޕަމާޓުން "ރަމަޟާން ބާޒާރު" ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ސުޕަމާޓުން އަންނަ ރޯދަ މަހަށް ހާއްސަކޮށްގެން "ރަމަޟާން ބާޒާރު" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.


ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ޕްރޮމޯޝަންގައި، މިފަހަރުގެ ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ތަފާތު ގިނަ އިނާމްތަކާ އެކު ކުރިއަށްގެންދަން ވަނީ ހަމަޖައްސައިފަ އެވެ.

އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަންގައި ކަސްޓަމަރުން ސުޕަމާޓުން ކުރާ 300ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި މިޕްރޮމޯޝަންގައި އެއްވަނަ އިނާމްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯ ސުޕަމާޓުން ވިޔަފާރިކުރެވޭ ވައުޗަރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިއިނާމް ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ލިބޭނެ އެވެ.

"އޭގެ އިތުރުން ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރި ކަސްޓަމަރަކަށް އެސްޓީއޯ ސުޕަމާޓުން ރާއްޖެއަށް އެތެރެކޮށް މާކެޓް ކުރަމުންދާ ބްރޭންޑުތަކުން ހަދިޔާ ކޭސް ލިބިގެންދާނެ. އަދި ރޯދަމަހުގެ ކޮންމެ ދުވަހަކު، އެ ޕްރޮމޯޝަންގެ ތެރެއިން ރޯދަމަހަށް ހާއްސަ ހަދިޔާ ތަކަކާ އެކު، ކަރައެއް ނަސީބުވެރި ކަސްޓަމަރަކަށް ލިބިގެންދާނެ. އެގޮތުން ކޮންމެ ދުވަހަކަށް ހާއްސަ ކުރެވިފައިވާ ހަދިޔާ ކޮންމެ ހަފްތާއަކު ވެސް ބަދަލުވެގެންދާނެ،" އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މިޕްރޮމޯޝަންގައި ރޯދަމަހަށް ބޭނުންތެރި ކާބޯތަކެތީގެ އިތުރުން ތަފާތު ވައްތަރުގެ ޕްލާސްޓިކް އަދި ބިއްލޫރި ތަށީގެ އިތުރުން ގިނަ އަދަދެއްގެ ބަދިގެ ސާމާނު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ތަފާތު ވައްތަރުގެ ޕްލާސްޓިކް ކޮންޓެއިނަރު، ތަށި އަދި ބޯތަށި، ބާސްކެޓް، ޑިސްޕޯސަޕަލް ތައްޓާއި ކެއްކުމަށް ބޭނުންކުރާ އެތައް ސާމާނެއް ސުޕަމާޓް ރަމަޒާން ބާޒާރުން ހެޔޮއަގުގައި ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.