ނިލަންދޫގައި އެއާޕޯޓެއް އަޅަން ސާވޭ ކުރަން ފަށަނީ

ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ސާވޭ ކުރަން ފަށާނެ ކަމަށް އެ އަތޮޅު ކައުންސިލުން މިއަދު ބުނެފި އެވެ.


ނިލަންދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ސަރަހައްދުގެ ސާވޭ ކުރަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ އެއިރޮސްޕޭސް ކޮންސްޓްރަކްޝަން ގްރޫޕުންނެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުލް ހަމީދު މުހައްމަދު ވިދާޅުވީ ސާވޭ ކުރަން ނިލަންދޫ އަށް ދާ ޓީމުގެ މެމްބަރުން ތިބޭނެ ތަންތަނާއި ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދިފައި ވާތީ އެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ދެ ހަފުތާ ތެރޭގައި ސާވޭ ޓީމު ނިލަންދޫ އަށް ދާނެ ކަމަށް ވަނީ،" އަބްދުލް ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ވައުދާ އެއްގޮތަށް ނިލަންދޫގައި އެއާޕޯޓެއް އެޅުމުން ނިލަންދޫ އާއި އަތޮޅުގެ އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާ އެކު ދަތުރު ކުރެވޭނެ އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް އަވަހަކަށް އެއާޕޯޓެއް ގާއިމު ކުރެވިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.

ނިލަންދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ސަރަހައްދުގެ ސާވޭ އަށް ޗައިނާ އެއިރޮސްޕޭސް ކޮންސްޓްރަކްޝަން ގްރޫޕްގެ ޓީމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް އިން ވަނީ އަތޮޅު ކައުންސިލްގައި އެދިފަ އެވެ.

މީގެ އިތުރުން ނިލަންދޫ ކައިރީގައި އޮންނަ ދ. މީދޫގައި ސާވޭ ކޮންޓްރޯލް ޕޮއިންޓްތައް ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމުގެ އިންތިޒާމު މީދޫ ކައުންސިލް މެދުވެރިކޮށް ހަމަޖެއްސުމަށް ވެސް އެދުނެވެ. އަދި މި ޓީމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ހިނގާ ހުރިހާ ހަރަދެއް އެ ގްރޫޕުން ދައްކާނެ ކަމަށް ވެސް ރީޖަނަލް އެއާޕޯޓްސް އިން އަތޮޅު ކައުންސިލަށް ފޮނުވި ސިޓީގައި ބުންޏެވެ.

ފ. އަތޮޅުގައި ދިރިއުޅޭ މީހުން މިހާރު ބޭނުން ކުރަނީ އދ. މާމިގިލީ އެއާޕޯޓެވެ.