ނިލަންދޫ އެއާޕޯޓު ހެދުމުގެ މަސައްކަތް އެމްއޭސީއެލްއާ އެކު މިރޭ ސޮއިކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓަރު ޒަމީރާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް
20 ސެޕްޓެމްބަރ 2025 - 22:20
ފ. ނިލަންދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ މިރޭ ހަވާލުކޮށް، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމަން ސަރުކާރުން ކަނޑައަޅައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އެއާޕޯޓު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
ނިލަންދޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު މިރޭ ވިދާޅުވީ، އެ ރަށުގެ އެއާޕޯޓު އަޅަން ބޭނުންވާ ގާތްގަނޑަކަށް 1،500 މީޓަރުގެ ދިގު ރަންވޭއަކަށް ބޭނުންވާ ވަރަށް މިހާރު އެމްޓީސީސީގެ ފަރާތުން ބިން ހިއްކައި ނިމެމުން އަންނަ ކަމަށެވެ. އަދި އިތުރު 300 މީޓަރަށް ބޭނުންވާ ސަރަހައްދު ހިއްކަން ވެސް އެ ކުންފުންޏާ މިހާރު ހަވާލު ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ ނިމޭއިރު 1،800 މީޓަރުގެ ރަންވޭއެއް އެޅުމަށް ބޭނުންވާ ބިން ހިއްކިގެން އެ ދަނީ،" ރައީސް ވިދާޅުވި އެވެ.
ނިލަންދޫގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްއޭސީއެލްއާ މިރޭ ހަވާލުކުރީ ނިލަންދޫ އެއާޕޯޓުގެ ސިވިލް ހުރިހާ މަސައްކަތަކާއި އެ ތަން އޮޕަރޭޓް ކުރުމެވެ. އަދި އެ ކުންފުނިން ނިލަންދޫގައި އެންމެ ފުރިހަމަ، ޒަމާނީ ފެންވަރުގެ އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، ދެ އަހަރާއި ބައިގެ ތެރޭގައި މި އެއާޕޯޓު ނިންމައި ތިޔަބޭފުޅުންނަށް ލިބިގެންދާނެ. އެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން. އެހެންވީމާ ބައްލަވާ އެ އަށް ވުރެ ވެސް އަވަސް ވާނެ ކަމަށް،" ވަރަށް ޔަގީންކަމާ އެކު ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ނިލަންދޫ އެއާޕޯޓަކީ އެ ރަށުގެ އިތުރުން ފ. އަތޮޅުގެ ތަރައްގީ އަށް ވެސް ކޮންމެހެން ބޭނުން ތަނެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ނިލަންދުއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން މި ސަރުކާރުން ނިންމި އެއް ރަށް ކަމަށާއި ކުރައްވާ ކަމަކީ އެ މަނިކުފާނު ރައްޔިތުންނަށް ދެއްކި މަންޒަރު ހަގީގަތަކަށް ހަދައި ދިނުން ކަމަށެވެ.
"ޓާގެޓެއް ފުރަތަމަ އިއުލާން ކުރަނީ. އެ ޓާގެޓަށް ވާސިލް ކުރުމަށްޓަކައި ދެން މި ކުރަނީ މަސައްކަތްތައް. މި ރަށުގައި އެއާޕޯޓު އެޅިގެން ދިއުން އެއީ މީގެ ތެރެއިން އެންމެ މުހިންމު މަސައްކަތްތައް. އާބަން ސެންޓަރުގެ ގޮތުގައި މި ރަށް ތަރައްގީ ކުރުމުގައި އެންމެ މުހިންމު މަސައްކަތް. އެހެންވެ އެ މަސައްކަތް އެ ގޮތަށް ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމީ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް، ޑޮމެސްޓިކް އެއާޕޯޓު ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ނިލަންދޫގައި ހަދާ އެއާޕޯޓުގެ ބިން ހިއްކަން ފެށީ މިދިޔަ އަހަރު އެވެ.
މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، ދެ އަހަރާއި ބައިގެ ތެރޭގައި މި އެއާޕޯޓު ނިންމައި ތިޔަބޭފުޅުންނަށް ލިބިގެންދާނެ. އެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން. އެހެންވީމާ ބައްލަވާ އެ އަށް ވުރެ ވެސް އަވަސް ވާނެ ކަމަށް،"--- ރައީސް
އޭގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކައި، 2،098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހައި 1،400 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ވެސް ވަނީ ޖަހައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު، އެ ރަށުގައި އޮތީ އެއާޕޯޓް އަޅަން ނިންމައި ބަޖެޓް ވެސް ކަނޑައަޅައިފަ އެވެ. އޭރު އީއައިއޭގެ މަސައްކަތް ނިންމުމަށް ފަހު، އެ ސަރަހައްދުގައި ހުރި ރުއް ގަސްތަކަށް ބަދަލު ދޭނެ އަގު ވެސް ކަނޑައެޅި އެވެ.
އޭގެ ފަހުން އެމްޑީޕީގެ ސަރުކާރުގެ ކުރީކޮޅު ވެސް ނިލަންދޫ އެއާޕޯޓަށް ބަޖެޓް ކަނޑައެޅި އެވެ. އެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށާއި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ޕްލޭނިން މިނިސްޓްރީން 2022 ވަނަ އަހަރު އެމްޓީސީސީއާ އެކު އޭރު ވެސް ސޮއިކުރި އެވެ. އެ ދެ މަޝްރޫއަށް ގާތްގަނޑަކަށް 450 މިލިއަން ރުފިޔާ ހަމަޖެއްސި އެވެ.
ނަމަވެސް، އެމްޑީޕީގެ ސަރުކާރުގެ ވިސްނުން ބަދަލުވެ، އެ މަޝްރޫއު ބަދަލުކުރީ އެ ރަށުން، ލަކުޑި ފެރީއެއްގައި 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ މަގޫދުއަށެވެ. ނިލަންދޫގައި އަނެއްކާ އެއާޕޯޓު އަޅަން ހަވާލުކުރިއިރު ވެސް، މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފަ އެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދިލް ސަލީމް
21 September 2025
ނަތީޖާ ނެރުމުގައިވެސް ކަން ނިންމުމުގައިވެސް އަދުގެ ސަރުކާރު މާ ރަނގަޅު. މިކަމަކީ ޔާމީންވެސް އިބޫވެސް ކުރަން ބުނި ކަމެއް. އެކަމަކު ނުވި.
މުހައްމަދު ހަނީފް
21 September 2025
މިއީ މިބުނާ ވާހަކައަކީ. ރައީސް މުއިއްޒްއަކީ ހުސް ވައުދު ވާނެ ވެރިޔެއް ނޫނޭ. ނަތީޖާ ނެރެ އެބަ ދައްކަޔޭ.
އީޒާން މުހައްމަދު
21 September 2025
މަރުހަބާ ނިލަންދޫ ރައްޔިތުން.
މަގޫ
21 September 2025
އެނގިދާނެތާ، ތިޔަ ބުނާ ދުވަހަކަށް ތިޔަކަށް ނިންމައިފިއްޔާ މަގާ ވޯޓު ޔަގީނުން ޔަގީން
މިމްހާދް
21 September 2025
ފ. ނިލަންދޫ ރައްޔިތުން ތިބީ އުފަލުން. މިކަމުގެ ސަބަބުން ލޯކަލް ޓޫރިޒަމްއަށް ބޮޑުތަނުން ތަރުހީބު ލިބިގެންދާނެކަން ޔަގީން
ސުފްޔާން
21 September 2025
ގައުމުގެ އިގްތިސޯދު ހަމަޔަކަށް އަޅުވާ ތަރައްގީގެ މަޝްރޫތައް ފެށިގެންދާތަން މިއޮށް ފެނިގެންދަނީ
މައުސޫމް
21 September 2025
އުފާވެރި ހަބަރެއް، މިއަދު އިދިކޮޅުގަ ތިބި މީހުންނަށް ހަޖަމް ނުވެގެން އުޅެނީ މި މަންޒަރު ބަލަން. ތަރައްގީގަ މި ސަރުކާރު ދަށެއްނުވާނެ
އެކްސިް
21 September 2025
ސޯ ލަކުޑި ފެރީ އަކުން 15 މިނިޓުން ދެވޭ ހިސާބުގެ 2 އެއާޕޯޓު. ޕަކާސް. މިއީ ވާ ގައުމެއް
މަ ބުނީ
20 September 2025
ތަރައްގީގެ މަސްޓަރ ޕްލޭން ހަދަންވީ 20 އަހަރަކަށްނޫން، 50 އަހަރަށް
ނޫން
21 September 2025
އެންމެ ދުވަހަކަށް
ސަސި
20 September 2025
މި ދެން ސަޅި ކަމެކޭދޯ. ސަރުކާރުން ކުރަން ބޭނުންވީމަ މަގޫދޫ އެއަރޕޯޓް ހުއްޓާލާފަ، ނިލަންދޫ އެއަރޕޯޓް އެޅިމަކީވެސް ހަމަ އެއްވެސް މައްސަލައަކަށްނުވޭ.
ދިވެހިރާއްޖެ 2.0
21 September 2025
ހަމަ އޯކޭ. ޑރ.މުޙައްމަދު މުޢިއްޒުކުރަންވީމައި ހަމަ އޯކޭ. އެކަމަކު ދައުލަތުގައި ފައިސާ ނެތިގެން ކުރީގެ ރައީސުންނާއި މަޖުލިސް މެމްބަރުންނަށް ދޭ އިނާޔަތް ކުޑަކުރަން އުޅެނީ.