އުރީދޫގެ ކަސްޓަމަރުންނަށް މީޑިއާނެޓްގެ ޗެނަލްތައް ފޯނުން ބެލޭނެ ގޮތް ހަދައިފި

އުރީދޫގެ ކަސްޓަމަރުންނަށް މީޑިއާނެޓްގެ ޗެނަލްތައް ފޯނާއި ސްމާޓް ޑިވައިސްތަކުން ބެލޭނެ ޑޭޓާ ޕެކޭޖްތަކެއް މިއަދު ތައާރަފްކޮށްފި އެވެ.


މުއާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ކުންފުނިން ބުނީ އަލަށް ތައާރަފްކުރި ޕެކޭޖްތަކަކީ މޮބައިލް ފޯނު ފަދަ ސްމާޓް ޑިވައިސްތައް މެދުވެރިކޮށް، ފަސޭހަކަމާއި އެކު މީޑިއާނެޓްގެ އޯޕަން މައިޓީވީގައި ހިމެނޭ ޗެނަލްތައް ބެލޭނެ ޕެކޭޖްތަކެއް ކަމަށެވެ. އޯޕަން މައިޓީވީއަކީ މީޑިއާ ނެޓްގެ ޗެނަލްތައް ސްމާޓް ޑިވައިސްތަކުން ބެލުމަށް ހަދާފައިވާ އެޕްލިކޭޝަނެކެވެ.

އުރީދޫގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި، ޓީވީ ބެލުމުގެ އާދަކާދައަށް ބޮޑެތި ބަދަލުތަކެއް އައިސް، ގިނަ ބަޔަކު ޓީވީ ބަލަނީ އޮންލައިންކޮށް ސްޓްރީމް ކޮށްގެން ކަމަށެވެ.

"މިގޮތުން، އޯޕަން މައިޓީވީ އަކީ ސްމާޓް ޑިވައިސްތަކުގައި، މީޑިއާނެޓްގެ 50 ޗެނަލް ލައިވްކޮށް ބަލާލުމަށް ދިވެހި ކަސްޓަމަރުންނަށް މަގުފަހިކޮށްދޭ، އީޖާދީ ޚިދުމަތެއް. މީޑިއާނެޓާ ގުޅިގެން މިއަދު ތައާރަފްކޮށްފައިވާ އުރީދޫގެ ޑޭޓާ ޕެކްތަކުގެ އެހީގައި، މައިޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ ކަމުދާ ޗެނަލްތައް ބަލާލުން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް އަޅުގަނޑު ޔަގީން ކުރަން،" އޭނާ ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ އެފަދަ ޕާޓްނާޝިޕްތަކާއި އުފެއްދުންތެރި ޚިދުމަތްތައް މެދުވެރިކޮށް، ދިވެހިންގެ ޑިޖިޓަލް ހަޔާތަށް އިތުރު ކުރިއެރުންތައް ގެނެސްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.

މީޑިއާނެޓްގެ ހެޑް އޮފް މާކެޓިން ޒިހުނީ ރަޝީދު އޯޕަން މައިޓީވީގެ ހިދުމަތް ދިނުމަށް އުރީދޫގެ ބައިވެރިވުމަކީ ޓީވީ ބަލާލުމުގެ ތަޖުރިބާ ރަގަޅުކޮށް، އިތުރަށް ފަސޭހަކޮށްދިނުމަށް މީޑިއާނެޓުން ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަދި އެ ޕާޓްނާޝިޕްގެ ސަބަބުން އޯޕަން ޓީވީގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ކަސްޓަމަރުންނަށް އިތުރު ފައިދާ ލިބުމަކީ ލިބޭ އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޯޕަން މައިޓީވީގައި ހިމެނޭ ޗެނަލްތައް ބެލުމަށް އުރީދޫ ވަނީ ދެ ޕެޖޭއް ތައާރަފްކޮށްފަ އެވެ. އެގޮތުން މަހަކު 99ރ. ދެއްކުމުން ހަތަރު ޖީބީ ލިބޭ ޕެކޭޖަކާއި މަހަކު 149ރ. އަށް 8 ޖީބީ ލިބޭ ޕެކޭޖެއް ވެސް ހިމެނެ އެވެ. އެ ޕެކޭޖްތަކުގެ މުއްދަތަކީ އެއް މަސް ދުވަހެވެ.

އުރީދޫން ބުނީ އޯޕަން މައިޓިވީ އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއި އެކު އެ ޕެކޭޖުތައް ގަނެވޭނެ ކަމަށެވެ. އޯޕަން މައިޓީވީ އަކީ މީޑިއާނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ އެޕެކެވެ.

ސްމާޓްފޯން، ޓެބްލެޓް އަދި އެންޑްރޮއިޑް ޓީވީ ފަދަ ކޮންމެ ސްމާޓް ޑިވައިސްއެއް މެދުވެރިކޮށް މައިޓީވީގައި ހިމެނޭ ޗެނަލްތައް ބަލައިލެވޭނެ އެވެ. އޭގެ އިތުރުން ގޫގްލް ޕްލޭ ސްޓޯ އަދި އެޕަލް ސްޓޯ މެދުވެރިކޮށް ވެސް ޑައުންލޯޑު ކޮށްގެން، ނުވަތަ www.openmitv.mv މެދުވެރިކޮށް ވެސް މައިޓީވީ ބަލާލެވޭނެ އެވެ. އަދި މީޑިއާނެޓްގެ ޔޫސާނޭމް އާއި ޕާސްވޯޑު ބޭނުންކޮށްގެން، ފަސޭހަކަމާ އެކު އޮންލައިންކޮށް މައިޓީވީއަށް ރަޖިސްޓަ ވެސް ކުރެވޭނެ އެވެ.