ގާކޮށީގައި ހިންގާ މާރުކޭޓު ގޮޅިތައް ހުސްކުރަން ނޯޓިސް ދީފި

ގާކޮށްޓާ އިންވެގެން އަމީނީމަގަށްވާ ގޮތަށް އޮންނަ ބިމުގައި ހިންގާ މާރުކޭޓު ގޮޅިތައް ހުސްކުރަން ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ނޯޓިސް ދީފި އެވެ.


އެ ޖަމިއްޔާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ދޫކޮށްފައިވާ ގޮޅިތައް ހުސްކުރަން މިމަހުގެ ނިޔަލަށް ނޯޓިސްދިނީ އެތަނުގައި ސާފު ތާހިރުކަމުގެ މައްސަލަތަކެއް އުޅޭތީ ކަމަށެވެ.

"އަޅުގަނޑުމެންނާއެކު އެތަން ކުއްޔަށް ހިފަން ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ބޭނުންއިރަކު ހުސްކުރެވޭނެ. އަދި މުއްދަތެއް ވެސް ދޭކަށް ނުޖެހޭނެ. ނަމަވެސް ދިހަ ދުވަހުގެ މުއްދަތު ދިން އެތަން ހުސްކުރަން،" އޭނާ ވިދާޅުވި އެވެ.

ގާކޮށި ކައިރީގައި ހަދާފައިވާ މާރުކޭޓު ގޮޅި ކައިރީގައި ބަޔަކު މިއަދު މަޑުކޮށްލައިގެން: އެތަނުގެ ހުރިހާ ގޮޅިއެއް ހުސްކުރަން ވަނީ ނޯޓިސް ދީފައި. ފޮޓޯ: ނިޝާން އަލީ /މިހާރު

އެ އޮފިޝަލް ވިދާޅުވީ އެ ގޮޅިތައް ހުސްކުރަން ނޯޓިސް ދިނީ، އެތަނުގެ ސާފުތާހިރުކަމުގެ މައްސަލަ ދިމާވުމުން އެތަން ބެލުމަށް ފަހު ކަމަށެވެ.

"ކާބޯތަކެތި ވިއްކާ ތަނެއްގައި ހުންނަން ޖެހޭ މިންގަނޑަށް ވުރެ އެތަނުގެ ސާފުތާހިރުކަން ދަށް. އެހެންވެ މުއްދަތެއް ދިނީ ހުސްކުރަން،" އޭނާ ވިދާޅުވި އެވެ.

ގާކޮށި މާރުކޭޓުގައި 28 އަށް ވުރެ ގިނަ ގޮޅި ހިންގަން އެކި ފަރާތްތަކަށް ދޫކޮށްފައިވެ އެވެ. އަދި އެތަނުގެ ކޮންމެ ގޮޅިއަކުން މަހު ފީއެއްގެ ގޮތުގައި 5،000ރ. ދައްކަން ޖެހެ އެވެ. އަދި އިތުރު މީހަކަށް އެތަނުގެ ގޮޅި ކުއްޔަށް ވެސް ނުދެވެ އެވެ.