ރިސޯޓުތަކުގައި ބިދޭސީ މުވައްޒަފުން ގިނަ، ހައްލެއް ބޭނުން:ޓީމް

ރިސޯޓްތަކުގައި ބިދޭސީން މަސައްކަތް ކުރުމަށް ބޮޑު ފުރުސަތެއް އޮތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފި އެވެ.


ޓީމުގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އަހުމަދު އަދީބު ހުންނެވި އިރު ރިސޯޓުތަކުގައި 55 ޕަސެންޓް ބިދޭސީ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ކަމަށް ސާކިއުލާއަކުން އެންގި ކަމަށެވެ. އެހެން ކަމުން ރިސޯޓުތަކުގައި ދިވެހި މުވައްޒަފުންގެ ގޮތުގައި ގެންގުޅެން ޖެހެނީ 45 ޕަސެންޓް މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން މިހެން އޮތް ނަމަވެސް ބައެއް ރިސޯޓުތަކުގައި 70 ޕަސެންޓް ބިދޭސީން މަސައްކަތް ކުރާ ކަމަށާއި އެފަދަ ރިސޯޓުތައް ވެސް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓްތަކުން 60 ޕަސެންޓް ދިވެހި މުވައްޒަފުންނަށް ދޭން ޖެހޭ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަންކަން ވުޒާރާތަކުން އިސްކަމެއް ދީގެން ބަލަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓް އޮޕަރޭޓް ކުރާ ފަރާތްތަކުން ބުނަނީ ދިވެހި މުވައްޒަފުން ނުލިބެޔޭ. އެކަމަކު ރާއްޖޭގައި ލޭބާ އޮޑިޓެއް ހެދިފައެއް ނެތް. ވަޒީފާ ބޭނުންވެފައިވާ މީހުންނާއި ސްކިލްޑް ލޭބަރުންގެ އަދަދުތަކެއް ރެކޯޑް ކުރެވިފައެއް ނެތް. އަޅުގަނޑުމެންނަށް ފެންނަ ގޮތުން ދިވެހިން އެބައުޅޭ. ރިސޯޓުތަކުގައި މަސައްކަތް ކުރަން ބޭނުންވެ ވަޒީފާ ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ރިސޯޓުތަކުން ވަޒީފާ ދިނުމުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށާއި އެގޮތުން ސެކިއުރިޓީންގެ ގޮތުގައިވެސް ބިދޭސީން އެބަ ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ވަޒީފާ ތަކަކީ ދިވެހިން ނުލިބޭނެ ވަޒީފާތައް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ރިސޯޓުތަކުގެ ބައެއް މަގާމުތަކުގައި އުޅޭ ފަރާތްތަކަށް 20،000ރ. ލިބޭ އިރު އެފަދަ ވަޒީފާތަކަށް ދިވެހިން ނުދާނެ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިންގެ މައްސަލަތައް ވެސް އެބަހުރި. އެތިކްސްގެ މައްސަލަ އާއި އެޓިޓިއުޑްގެ މައްސަލަ ވެސް އެބައުޅޭ. އެހެން ނަމަވެސް އެކަންކަމަކީ ސަރުކާރުން އިސްކަމެއް ދީފި ނަމަ ރަނގަޅު ކުރެވޭނެ ކަންކަން،" އޭނާ ވިދާޅުވި އެވެ.

ރިސޯޓުތަކުގައި މެނޭޖަރުން ފެންވަރުގެ ވަޒީފާތަކުގެ ގާތްގަނޑަކަށް 60 ޕަސެންޓަކީ ބިދޭސީން ކަމަށާއި އެ ފުރުސަތު އެގޮތަށް ދެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރިސޯޓުތަކުގައި އެކައުންޓެންޓުންނަށް ލަންކާ އިން މީހުން ގެންނަ އިރު އައިޓީ މުވައްޒަފުންގެ ގޮތުގައި ގިނައީ އިންޑިޔާ މުވައްޒަފުން ކަމަށް މައުރޫފް ވިދާޅުވި އެވެ. އިންޑިޔާ އާއި ލަންކާ މީހުންނަކީ މާބޮޑަށް ޝަކުވާ ނުކޮށް އޮފްޑޭ ވެސް ނުނަގާ މުވައްޒަފުން ކަމަށާއި ދިވެހިން ލިބޭ ހަތަރު އޮފްގައި ރަށަށް ދާތީއޭ ބުނެ ވަޒީފާ ނުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މައުރޫފް ވިދާޅުވި އެވެ.

ޓީމުގެ ހިސާބުތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އުޅެނީ 20،000 ދިވެހި މުވައްޒަފުންނެވެ. ޓޫރިޒަމް އިންޑަސްޓްރީގައި 45،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ. ރާއްޖޭގައި 144 ރިސޯޓު ހުޅުވާފައިވާ އިރު 133 ރިސޯޓު އަންނަނީ ތަރައްގީ ކުރަމުންނެވެ.