އިމްޕޯޓް، އެކްސްޕޯޓް އާމްދަނީ 13 ޕަސެންޓް މައްޗަށް

މިދިޔަ އަހަރު ރާއްޖެއަށް 47 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށާއި އިމްޕޯޓް އެކްސްޕޯޓް އާމްދަނީ 13 ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފި އެވެ.


ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ އިމްޕޯޓް ވަނީ 25 ޕަސެންޓް އިތުރުވެފަ އެވެ. އޭގެ ކުރީ އަހަރު ރާއްޖެއަށް އިމްޕޯޓު ކޮށްފައިވަނީ 38 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ 2017 ވަނަ އަހަރާ އަޅާ ބަލާ އިރު ނުވަ ޕަސެންޓުގެ ދަށްވުމެކެވެ. އެއަހަރު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ ތިން ބިލިއަން ރުފިޔާގެ މުދަލެވެ. އެކްސްޕޯޓާއި އިމްޕޯޓުގެ ގޮތުގައި މިދިޔަ އަހަރު 3.3 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެ އެވެ.

މިދިޔަ މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު އެކްސްޕޯޓުކޮށްފައިވަނީ 525 މިލިއަން ރުފިޔާގެ މުދަލެވެ. އެކްސްޕޯޓާއި އިމްޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތުގައި 327 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ 2017 ވަނަ އަހަރާ އަޅާބަލާ އިރު 14 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓް ކޮށްފައިވަނީ ޔޫއޭއީ އާއި ޗައިނާ އާއި ސިންގަޕޫރާއި އިންޑިއާގެ އިތުރުން މެލޭޝިއާ އިން ނެވެ. އަދި އެންމެ ގިނައިން ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ އާއި ފްރާންސަށެވެ.