ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރްއައި) ގައި ބައިވެރިވެ އެހީތެރިކަން ދޭ ގައުމުތަކަށް ދޭ އެވޯޑެއް ދިވެހި ރާއްޖެއަށް ލިބިއްޖެ އެވެ.
ރާއްޖޭގެ އިތުރުން ޕާކިސްތާނާއި ސްރީ ލަންކާއަށް ވެސް މި އެވޯޑް ވަނީ ދީފަ އެވެ.
ބީއާރްއައިގެ އެންމެ ބޮޑު ބޭނުމަކީ ސިލްކު ރޫޓް ސަރަހައްދުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމެވެ. ރާއްޖޭގައި ޗައިނާއިން ހިންގާ ބައެއް މަޝްރޫއުތަކަކީ ވެސް ބީއާރްއައިގެ ދަށުން ޗައިނާ އިން ކުރާ މަސައްކަތްތަކެވެ.
ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ޗައިނާ އިން ހިންގާ ބިޔަ މަޝްރޫއުތަކާ ހެދި އެ ގައުމުތަކަށް ދަރަނީގެ ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކުރެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއިން ރާއްޖެ އަށް ނެގި ލޯނުގެ ޖުމުލަ 21 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ލަންކާގައި ޗައިނާއިން ހިންގި މަޝްރޫއުތަކުގެ ލޯނު ދައްކަން ދަތިވެ، އެ ގައުމުގައި ޗައިނާއިން ހެދި ހަމްބަންޓޯޓާ ބަނދަރު 99 އަހަރަށް މިހާރު ވަނީ ޗައިނާއާ ހަވާލުކޮށްފަ އެވެ. ޕާކިސްތާނުން ވެސް އަންނަނީ ޗައިނާއާ ގުޅިގެން ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން މަޝްރޫއުތަކުގެ އަގު 62 ބިލިއަން ޑޮލަރަށް އަރަ އެވެ.