ފޮރުވައިގެން ނޫޅެ، ރާއްޖެ-ޗައިނާ އެއްބަސްވުންތައް އެނގެން ޖެހޭ: ޝާހިދު

ރާއްޖެ އާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ސޮއިކުރި އެއްބަސްވުންތަކުގެ ތަފްސީލްތައް ހާމަކުރަން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.


ރައީސް އަބްދުﷲ ޔާމީން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާއި ޗައިނާ އިން އިއުލާން ކޮށްފައިވާ ސިލްކް ރޯޑު މަޝްރޫއުގައި ރާއްޖެ ބައިވެރިވާން ނިންމި އެއްބަސްވުން ވެސް ހިމެނެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު 12 އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު. - ފޮޓޯ: ރައީސް އޮފީސް

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ރާއްޖެ އާއި ބޭރު ގައުމަކާ ދެމެދު އެއްބަސްވުމެއް ގާއިމުކުރުމުގެ ކުރިން އެކަމުގެ ފުރިިހަމަ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުން މުހިންމު ކަމަށެވެ. އެގޮތުން ބޭރު ގައުމުތަކާ އެކު އެއްބަސްވުން ގާއިމުކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ވެސް ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަންދޫބުންނަށް ސިއްރުންނާއި އޮޅުވާލައިގެން ސަރުކާރުން ކުރާ ކަންތައް ބަލައެއް ނުގަނެވޭނެ އެވެ. އަދި ސިއްރިއްޔާތުގައި ކަންކަން ކުރުމުގެ ބަދަލުގައި ސަރުކާރުން ހަގީގަތް ހާމަކޮށް ދޭން ވެސް މަޖިލީހުގެ ކުރީގެ ރައީސް ގޮވާލެއްވި އެވެ.

ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުކިއުއްވަމުން ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ގެންގުޅެނީ ސިއްރުން ކަންކަން ކުރުމުގެ ވައްޓަފާޅިއަކާއި އާދަކާދައެއް ކަމަށެވެ. އެހެންވެ ސަރުކާރުގެ އެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި އެނގެނީ އެއްބަސްވުންތަކުގެ ނަންތަކެއް. މި އެދެނީ ތަފްސީލްތައް ހާމަކޮށް ދިނުމަށް. ސިއްރިއްޔާތުގައި ކަންކަން ކުރުމުގެ އުސޫލު ދޫކޮށްލަން ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

"އެއްބަސްވުންތަކާ ގުޅޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ވެސް އޭގައި އޮތް އެއްޗެއް އެނގިގެން. ރައްޔިތުންގެ މަންދޫބުންނާ އެއްބަސްވުންތައް ހިއްސާ ނުކުރުމަކީ ކަންބޮޑުވާ ކަމެއް."

ރާއްޖޭގެ ކަނޑު ސަރަހައްދު ބަލާނެ މަރުކަޒެއް ގާއިމުކުރަން ސަރުކާރާއި ޗައިނާއާ ދެމެދު ސޮއިކުރި އެއްބަސްވުން މިސާލަކަށް ނަންގަވަމުން ޝާހިދު ވިދާޅުވީ އެކަމާ މެދު ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

އެގޮތުން އެއީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމުގެ ހަގީގަތް އެނގެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްނޮލަޖީ ދާއިރާ އާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ސީ ވޯޓާ ޑިސެލިނޭޝަން މަޝްރޫ އާއި ސިއްހީ ދާއިރާ އާއި ބޭންކްގެ ދާއިރާއާ ގުޅޭ އެއްބަސްވުންތަކެއްގައި ވެސް ދެ ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް އެއްބަސްވުންތަކުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ހުޅުމާލޭގައި އެއާޕޯޓް އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމަށް ވެސް ދެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ. މިއީ ކުރިން އެނގިފައި ނެތް އެކަމަކު ކުއްލިއަކަށް އައި ކަމެކެވެ. އެ މަސައްކަތް ކުރަން ހަވާލުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަމުން އަންނަ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕާ އެވެ.