ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް މަރުކަޒެއް އަޅަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލާނެ މަރުކަޒެއް އެޅުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.


"ޖޮއިންޓް އޯޝަން އޮބްޒަވޭޝަން ސްޓޭޝަން"ގެ ނަމުގައި ހަދާ މި މަރުކަޒު ގާއިިމުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެޑްމިނިސްޓްރޭޓާ އޮފް ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން ވަންގް ހޮންގް އެވެ. މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކުރަނީ. - ފޮޓޯ: ރައީސް އޮފީސް

އެއްބަސްވުމުގެ ތަފްސީލްތައް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ކަނޑުގެ ސަރަހައްދު ބެލުމަށް ރާއްޖޭގައި މަރުކަޒެއް އެޅުމަށް އެއްބަސްވި އިރު، ރާއްޖެ އާއި ޗައިނާއާ ދެމެދު 12 އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމަށާއި ޗައިނާގެ ވިޔަފާރި ފުޅާކުރުމަށް ގާއިމްކުރާ ސިލްކް ރޫޓުގައި ރާއްޖޭން އެއްބާރުލުން ދިނުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

ޗަައިނާގެ ރައީސްގެ "ވަން ބެލްޓް، ވަން ރޯޑް" ގެ ޝިއާރުގެ ދަށުން ހިންގާ މައިގަނޑު އެއް މަޝްރޫއަކީ "މެރިޓައިމް ސިލްކް ރޫޓް" ގެ މަޝްރޫއެވެ. ސިލްކް ރޫޓަކީ އެއްގަމާއި ކަނޑު އަދި ވައިގެ މަގުން ޗައިނާ އާއި އޭޝިއާގެ އިތުރުން އެފްރިކާ އަދި އޯޝޭނިއާގެ ގައުމުތައް ގުޅުވައިދޭ ވިޔަފާރީގެ މަޝްރޫއެކެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖެ އިން ޗައިނާއާ އެކު ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިންއިރު، ސަރުކާރުން މިނިވަން ވިޔަފާރީގެ އެ އެއްބަސްވުން ގާއިމުކުރަނީ ރާއްޖެ، ޗައިނާ އަށް ވިއްކާލުމަށް ކަމަށެވެ. އަދި އެއްބަސްވުމުގެ ސަބަބުން، ދިވެހި ވިޔަފާރިތައް ފުނޑުފުނޑުވެ، ޗައިނާ ވިޔަފާރިވެރިންގެ އަތްމައްޗަށް ދާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ނަމަވެސް ސަރުކާރުން ބުނި ގޮތުގައި އެ އެއްބަސްވުމަކީ "ހަމައެއްލަމައެއް ނެތި" ވިޔަފާރިތަކަށް ހުއްދަ ދިނުމެއް ނޫނެވެ. އޭގައި ރާއްޖެ އަށް ގެއްލުން ވާނެ އެއްވެސް ކަމެއް ނުހިމެނޭނެ ކަމަށާއި ބޮޑަށް ފައިދާވާނީ ރާއްޖެ އަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.