ޔޫތު ސިޓީއެއްގެ ގޮތުގައި ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ހުޅުމާލޭގައި އެއާޕޯޓް އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމަށް ޗައިނާ އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖެ އިން ސޮއި ކުރެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ އެ ގުރޫޕުގެ އިސް ބޭފުޅެކެވެ. މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ބައިވެރިވެވަޑައިގަތެވެ.

އެއްބަސްވުމުގެ ތަފްސީލްތައް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ބެއިޖިންގެ އާބަން ކޮންސްޓްރަކްޝަން ގްރޫޕުން މިހާރު އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް، ރަންވޭ އާއި ފިއުލް ފާމް އަދި ކާގޯގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ކުރަނީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

މީގެ އިތުރުން މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާ އެކު ހަދާ ހުޅުލެ-ހުޅުމާލެ ލިންކް ރޯޑުގެ މަސައްކަތަށް އެހީތެރިވުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ރާއްޖެ އާއި ޗައިނާ އިން މިއަދު ސޮއިކުރި އެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާގެ ބޭފުޅަކެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސައިމަނެވެ.

ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، ހުޅުލޭން ހުޅުމާލެ އަށް ދަތުރުކުރަން އަލަށް ހަދާ މަގު ފުޅާކުރަން ގާތްގަނޑަކަށް ހަ ހެކްޓަރުގެ ބިން ހިއްކި އެވެ. އެޗްޑީސީން ކުރިން ބުނި ގޮތުގައި ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރާ ހަތަރު ކިލޯ މީޓަރުގެ މަގުގައި ވެހިކަލް ދަތުރުކުރަން ހަތަރު ލޭން އޮންނާނެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަނީ މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ނިމެންވާ އިރަށް އެ މަގުގެ މަސައްކަތް ވެސް ނިންމާލުމަށެވެ. އެ މަގު ތަރައްގީކުރަން ސަރުކާރުން ހުނާން އިންޖިނިއަރިންއާ ހަވާލުކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ.

މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށޭ ބްރިޖް ހުޅުލެއާ ގުޅުވާލަނީ އެއާޕޯޓުގެ ރަންވޭގެ ދެކުނު ކޮޅާ ދިމާލުންނެވެ. ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން މިހާރު ބޭނުންކުރާ މަގު ވެސް އޮންނަނީ ރަންވޭގެ ދެކުނު ކޮޅުން ގޮސް، ހުޅުލޭގެ އިރުމަތީ ފަރާތުން ހުޅުމާލެ އަށް ދެވޭ ގޮތަށެވެ.