ހުޅުމާލޭގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން މި ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ މަސައްކަތް، ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންއާ ހަވާލުކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން މިއަދު ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިފްތިތާހްކޮށްދެއްވި މަޝްރޫއުގައި ހުޅުމާލޭގައި 25 ބުރީގެ 62 ޓަވަރު އަޅަން ވަނީ ނިންމައިފަ އެވެ. އަދި މި މަޝްރޫއު 2019 ގައި ނިންމާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ މާބޮޑު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު ޗައިނާގެ ބޮޑެތި މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މަޝްރޫއުގައި 25 ބުރީގެ ގިނަ ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރާނީ ޗައިނާ ސްޓޭޓުންނެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި ޗައިނާ ސްޓޭޓަށް އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 434 މިލިއަން ޑޮލަރު ނުވަތަ 6.7 ބިލިޔަން ރުފިޔާ އަށެވެ.

ޗައިނާ ސްޓޭޓަށް އެ މަސައްކަތް ހަވާލުކުރީ ކޮން އިރަކު ކަމެއް ސާފެއް ނުވެ އެވެ. މީޑިއާތަކުން ބުނާގޮތުގައި، އެ ޕްރޮޖެކްޓުގެ ބިޑް މަރުހަލާ އަށް ދޮޅު އަހަރު ހޭދަވި އެވެ.

މި މަޝްރޫއުގައި އަޅާ އިމާރާތްތައް ވެސް ޑިޒައިންކޮށްފައި ވަނީ އެ ކުންފުނިން ކަމަށް ވެ އެވެ. އަދި މި ޕްރޮޖެކްޓުގައި އިމާރާތްކުރަން ބޭނުންވާ ދަގަނޑާއި ސިމެންތި ފަދަ ހުރިހާ ސާމާނެއް ވެސް ރާއްޖެ އެތެރެކުރާނީ ޗައިނާ އިން ކަމަށް ނޫސްތަކުން ބުނެފައިވެ އެވެ.

ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި މަޝްރޫއުގައި އިންޖިނިއަރިން އާއި ޕްރޮކިއުމަންޓް މަސައްކަތްތައް ވެސް ކުރާނީ ޗައިނާ ސްޓޭޓުންނެވެ. ނަމަވެސް ޕްރޮޖެކްޓަށް ފައިސާ ހަމަޖައްސާފައި ވަނީ ކޮން އުސޫލަކުން ކަމެއް ނޫސްތަކުގައި ބުނެފައެއް ނުވެ އެވެ.

ފްލެޓް އެޅުމުގެ ބޮޑު މަޝްރޫއު ފައްޓަވައި ދެއްވުމަށް ފަހު ރައީސް ޔާމިން ވާހަކަފުޅު ދައްކަވަނީ.
ފްލެޓް އެޅުމުގެ ބޮޑު މަޝްރޫއު ފައްޓަވައި ދެއްވުމަށް ފަހު ރައީސް ޔާމިން ވާހަކަފުޅު ދައްކަވަނީ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ރައީސް ޔާމީން މި މަޝްރޫއު އިފްތިތާހު ކޮށްދެއްވުމުގެ ކުރިން، މި މަސައްކަތް ވަނީ ޗައިނާ ސްޓޭޓާ ހަވާލުކޮށް ކޮންމެވެސް ވަރަކަށް މަސައްކަތްތައް ވެސް ފަށައިފަ އެވެ. މި މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށް ވެ އެވެ.

ފްލެޓް އެޅުން ވެސް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ވާހަކަ ދެކެވޭއިރު، މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫ ކަމަށްވާ މާލެ/ހުޅުލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާގެ ކުންފުންޏަކުންނެވެ. މީގެއިތުރުން ވެސް އެހެން މަޝްރޫއުތަކުގައި ޗައިނާގެ ކުންފުނިތަކުގެ ބައިވެރިވުން ބޮޑެވެ.