17 ރަށެއްގެ ފެނާއި ނަރުދަމާ އާއި 8 ރަށެއް މަގު ހަދަނީ

ފިނޭންސް މިނިސްޓްރީން 17 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ހެދުމަށާއި އަށް ރަށެއްގެ މަގު ހަދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.


ފެނާއި ނަރުދަމާ ގާއިމުކުރަން ނިންމާފައިވަނީ ހއ. އުލިގަމާއި، ހދ. އަތޮޅުން ނޮޅިވަރަމާއި ކުރިނބި އާއި ށ. އަތޮޅުން މަރޮއްޓާއި ކޮމަންޑޫ އާއި ކަނޑިތީމާއި ފޯކައިދޫ އެވެ. އަދި ނ.ކެނދިކުޅުދޫ އާއި ރ.އަލިފުއްޓާއި އެ އަތޮޅު އަނގޮޅިތީމާއިވާދޫ އާއި ރަސްގެތީމުގެ އިތުރުން ތ.ވަންދޫ އާއި އެ އަތޮޅު ކަނޑޫދޫ ވެސް ހިމެނެ އެވެ. ދެން ހިމެނެނީ ބ.ހިތާދޫ އާއި ތ.ކިނބިދޫ އާއި ގއ.ކަނޑުހުޅުދޫ އެވެ.

މީގެ އިތުރުން ހދ.ހަނިމާދޫ އާއި ރ.އުނގޫފާރާއި ރ.ދުވާފަރާއި ބ.އޭދަފުއްޓާއި ތ.މަޑިފުއްޓާއި ލ.ފޮނަދޫގެ އިތުރުން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ހުޅުމީދޫ މަގު ހެދުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހިމަނާފައިވެ އެވެ. އޭގެ ތެރެއިން އަލަށް ފަށާ މަޝްރޫއުތަކުގެ ގޮތުގައި 315 މަޝްރޫއު އާއި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.

ފެނާއި ނަރުދަމާގެ 120 މަޝްރޫއަކަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. އަދި ބިން ހިއްކުމާއި މަގުތައް ހެދުމަށް 51 މަޝްރޫއަށް 5.59 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.