މަސައްކަތް ހުއްޓިފައިވާ ބިންތަކަށް ހައްލެއް ލިބިއްޖެ: ޓޫރިޒަމް

ޓޫރިޒަމް ތަރައްގީ ކުރުމަށް އެކި ރަށްރަށުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައިވާ ތަންތަނަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް އަލުން މަސައްކަތް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.


އެ މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ޓޫރިޒަމް ތަރައްގީ ކުރުމަށް ޓަކައި މީހުން ދިރިއުޅޭ ރަށްރަށުން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ދެ އަހަރު ދުވަސް ވަންދެން މަސައްކަތް ހުއްޓިފައިވާ ފަސް ރަށެއް ފާހަގަކުރެވުނު ކަމަށެވެ.

އޭގެތެރޭގައި ކ. ކާށިދު އާއި އދ. މަންދު އާއި ރ. ވާދޫގެ އިތުރުން ހއ. އުތީމުގެ އަދި ހއ. ވަށަފަރު ހިމެނެ އެވެ.

އެ މައްސަލަތައް ދިރާސާކޮށް ހައްލު ގެނައުމުގެ ގޮތުން މި ހަފުތާގެ ތެރޭގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އެ ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ބައްދަލުވުންތަކުގައި އެ ބިންތައް ތަރައްގީ ނުކުރެވި ލަސްވާން ދިމާވެފައިވާ ސަބަބުތައް އޮޅުންފިލުވައި، އެ ކަންތައްތައް މިހާރު ހައްލު ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.