އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރި ރަށްތަކުގެ މުއާމަލާތްތައް ހުއްޓުވައިފި

ކުރީގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކުގެ މުއާމަލާތްތައް މަޑުޖައްސާލަން، ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަންގާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ދޫކުރި ރަށްތަކުގެ ހިއްސާ ބަދަލުކުރުން ފަދަ މުއާމަލާތްތައް ހުއްޓާލީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން އަންގައިގެން ކަމަށެވެ.

ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ވަނީ ހިންގައިފަ އެވެ. އެ މައްސަލަ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަަރީ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކުގެ ހިއްސާ ބަދަލު ކުރަން ހުށަހަޅައިފި ނަމަ އެ މައުލޫމާތު ދޭން އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ އެދިފަ އެވެ. ސީރިއަސް ތަހުގީގެއް ހިންގަނިކޮށް، އެ ރަށްތަކުގެ ހިއްސާ ބަދަލުވެއްޖެ ނަމަ ތަހުގީގުތަކަށް ހުރަސް އެޅިދާނެ ކަމަށް ވެސް އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު އައި ފަހުން މިހާތަނަށް އެއްވެސް ހެޑް ލީސް ޓްރާންސްފާއެއްގެ މުއާމަލާތެއް ނީންނާނެ. އެއް ސަބްލީސް މުއާމަލާތެއް ހިންގާފައިވޭ މިދިޔަ ހަފްތާގައި. އެހެން ނަމަވެސް އަޅުގަނޑުމެން ވާނީ މިއަދުގެ އެންގުމާ އެއްކޮށް ސަބްލީސް ޓްރާންސްފާ ވެސް ބާތިލް ކުރުމަށް ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާ މެދު އެ މިނިސްޓްރީން ދެން މުއާމަލާތެއް ނުހިންގާނެ އެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް 55 ތަނެއް ކުއްޔަށް ދޫކޮށްފައިވެ އެވެ. އޭގެތެރޭގައި ރަށްތަކާއި ފަޅުތައް ވެސް ހިމެނެ އެވެ.

ރަށްތަކާއި ފަޅުތައް ދޫކޮށްފައިވާ ގޮތުގެ ތަފްސީލު

- ނ އަތޮޅުން ތިން ތަނެއް

- ރ އަތޮޅުން 11 ތަނެއް

- ބ އަތޮޅުން 9 ތަނެއް

- ޅ އަތޮޅުން އެއް ތަން

- މާލެ އަތޮޅުން 12 ތަނެއް (11 ފަޅާއި އެއް ރަށް)

- އއ އަތޮޅުން ދެ ތަނެއް

- އދ އަތޮޅުން ހަ ތަނެއް

- ވ އަތޮޅުން ހަތަރު ތަނެއް

- މ އަތޮޅުން އެއް ތަން

- ދ އަތޮޅުން ދެ ތަނެއް

- ތ އަތޮޅުން ތިން ތަނެއް

- ގއ އަތޮޅުން އެއް ތަން

އަލީ ވަހީދު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ޓޫރިޒަމަަށް ރަށްތަކާއި ފަޅުތައް ދޫކޮށްފައިވަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ. މިކަމުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ޓޫރިޒަމަށް ރަށްތައް ޑިވެލޮޕް ކުރުމުގައި މިފަދަ ކަންކަމަށް ވިސްނަން ޖެހޭ. މިހާރު ހޯދާފައިވާ ހޯދުންތަަކަށް ބަލާ އިރު 2،000 އެނދު ޑިވެލޮޕް ކުރަން ޕްލޭން ކޮށްފައިވޭ. މިހާރު ދީފައި ހުރި ތަންތަން ކުރިއަށް ގެންގޮސްފި ނަމަ 10،000 އެނދު އިތުރުވާނެ،" އޭނާ ވިދާޅުވި އެވެ.

މިކަންކަން ދިރާސާ ކުރުމަށްފަހު މި މަސް ނިމުމުގެ ކުރިން ރައީސް އޮފީހަށް އެ މައުލޫމާތުތައް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.