އިންވެސްޓަރުންގެ އިތުބާރު ލިބޭނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބެލުމުން: އަލީ ވަހީދު

އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ވަރަށް ފުރިހަމަ އަށް ބަލަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ވަނީ ހިންގައިފަ އެވެ. އެ މައްސަލަ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަަރީ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވިދާޅުވީ، މި ސަރުކާރުގެ ކުރިމަތީގައި ދިވެހި ރައްޔިތުންގެ އިތުބާރަށް ވުރެ ބޮޑު އިތުބާރެއް ނޯންނާނެ ކަމަށެވެ.

"އެކަމަށް ވަކާލާތު ކޮށްގެން މި ސަރުކާރު އައިސްފައި ވަނީ. އިތުރަށް އެދެނީ، މިނިވަން މުއައްސަސާތަކަށް ވެސް އެދެނީ މިކަން ނިންމައި ދޭން،" މިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުމުން، ރާއްޖޭގައި އިންވެސްޓް ކުރެވޭނީ، އޮންނަ އުސޫލުތަކާއި ގާނޫނާއި ގަވައިދުގެ ތެރެއިންކަން އިންވެސްޓަރުންނަށް ވެސް އިތުރަށް ސާފުވާނެ އެވެ. އަދި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ ރިސޯޓުތަކާ ގުޅޭ މުއާމަލާތްތައް ހުއްޓާލާފައިވާއިރު، އެހެން މައްސަލަތަކުގައި އެގޮތަށް އަމަލު ނުކުރާތީ ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ހަމައެކަނި ބަލަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ނޫން ކަމަށާއި އެހެން މައްސަލަތައް ވެސް ތަހުގީގު ކުރާ ކަމަށެވެ. އެގޮތުން، ނަސަންދުރާ ޕެލަސް ހޮޓާ ގަވައިދާ ޚިލާފަށް ދޫކުރި މައްސަލަ ވެސް ޓޫރިޒަމް މިނިސްޓްރީން ދިރާސާ ކުރުމަށް ފަހު، ބަންޑާރަ ނައިބުގެ ލަފައަކަށް އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މައްސަލައިގައި ފިޔަވަޅު އަޅާނީ މިނިސްޓަރު ވިދާޅުވި ގޮތުގައި އޭގެ ފަހުންނެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވަނީ، އެމްއެމްޕީއާރްސީން ޓުރިޒަމްގެ ބޭނުންތަކަށް ރަށްތަކާއި ފަޅުތައް ދީފައިވާ ކުންފުނިތަކާ ގުޅޭ މުއާމަލާތްތައް ހުއްޓާލުމުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، މުއާމަލާތްތައް ހުއްޓުވުމުގެ ސަބަބުން އިންވެސްޓަރުންނާއި މަޝްރޫއުތަކަށް ފައިސާ ދޭ ފަރާތްތައް ރާއްޖޭގައި އިންވެސްޓް ކުރަން ޖެހިލުންވާނެ ކަމަށެވެ. މިފަދަ ކަމެއް ކުރުމުން ސަރުކާރަށް ގާނޫނީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވެފައި ވެ އެވެ.