އެމްޓީސީސީ އަށް ލިބެންޖެހޭ 300 މިލިއަނެއްހާ ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ކުންފުނިން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހު ވިދާޅުވީ 300 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށާއި މިހާތަނަށް 600 މިލިއަނެއްހާ ރުފިޔާގެ ލޯނު އެ ކުންފުނިން ނުދައްކާ އެބަ އޮތް ކަމަށެވެ.
އެމްޓީސީސީ އަށް އެންމެ ގިނަ ޕްރޮޖެކްޓުތައް ލިބެނީ ޕްލޭނިން މިނިސްޓްރީންކަން ފާހަގަކުރައްވަމުން ޝާހު ވިދާޅުވީ މިހާތަނަށް އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އެންމެ ބޮޑު އަދަދެއް ނުދައްކާ އޮތީ ވެސް އެ މިނިސްޓްރީން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ފައިސާ ލިބުން ލަސްވިޔަސް މިނިސްޓްރީން އަންނަނީ ފައިސާ ދައްކަމުންނެވެ.
"އަޅުގަނޑުމެންގެ އެންމެ ބޯޑު ކްލަޔަންޓަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ. އަޅުގަނޑުމެންގެ އެންމެ ބޮޑު އައުޓްސްޓޭންޑިންއެއް އޮންނާނީ ވެސް އެ މިނިސްޓްރީއާއެކު. އެހެން ނަމަވެސް ޕޭމަންޓުތައް ލަސްވިއަސް އަޅުގަނޑުމެންނަށް ޕޭމަންޓްތައް ލިބޭ،" ޝާހު ވިދާޅުވި އެވެ.
ލިބެން ޖެހޭ ފައިސާ ހުރި ނަމަވެސް ކުންފުނީގެ މަސައްކަތްތަކަށް އަސަރު ނުކުރާ ކަމަށް ޝާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް 24 ޕްރޮޖެކްޓެއް ކުރިއަށްދެ އެވެ. އޭގެ ތެރޭގައި، ހޯރަފުށީ އެއާޕޯޓުގެ މަސައްކަތާއި ގދ. މާވަރުު އެއާޕޯޓުގެ އިތުރުން ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫއުތަކުގެ ތެރެއިން ހޯރަފުށި އެއާޕޯޓުގެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ ހެޑް އަހުމަދު ލަތީފު ވިދާޅުވި އެވެ.