ގަލްފް އެއާގެ ދަތުރުތައް މި އަހަރު ފަށާނެ

ބަހްރެއިންގެ ގައުމީ އެއާލައިން، "ގަލްފް އެއާ"ގެ ދަތުރުތައް މި އަހަރު ނިމުމުގެ ކުރިން ރާއްޖެ އަށް ފަށާނެ ކަން އެ ގައުމުން އިއުލާނުކޮށްފި އެވެ.


މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ބަހްރެއިން އިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އަބްދުއްރަހުމާން މުހައްމަދު އަލް ގައުދު ވިދާޅުވީ، ރާއްޖެ އަށް ގަލްފްއެއާގެ ދަތުރުތައް ފެށުމުން ޓޫރިޒަމް ދާއިރާ އަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އަބްދުއްރަހްމާން ވިދާޅުވީ، ގަލްފްއެއާގެ ދަތުރުތައް ފެށުމުގެ އިތުރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ބަހްރެއިންގެ ސަރުކާރާއި އެ ގައުމުގެ އަމިއްލަ ވިޔަފާރިވެރިން ވެސް ޝައުގުވެރިކަން އެބަހުރި ކަމަށެވެ. ސަރުކާރުން ތަރައްގީ ގެނައުމުގައި މި ގެންނަ ބަދަލުތަކަކީ ވަރަށް ފުރިހަމަ ބަދަލުތަކެއް ކަަން އޭނާ ފާހަގަކުރެއްވި އެވެ.

ގަލްފްއެއާގެ ދަތުރުތައް ފަށާއިރު ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މެދުއިރުމަތިން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު 53،000 ޓޫރިސްޓުން މެދުއިރުމަތިން ރާއްޖެ އައިސްފައިވެ އެވެ. އަދި މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް މެދުއިރުމަތިން 19،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 2،000 ޓޫރިސްޓުން އިތުރު އަދަދެކެވެ.