މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މީގެ ކުރިން މި ޖަލްސާ ބާއްވަން ނިންމީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް ހިއްސާދާރުންގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ޕްރޮކްސީ ފޯމުތައް ހުށަހެޅުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން އެ ޖަލްސާ ވަނީ ފަސްކޮށްފަ އެވެ.

އެމްޓީސީސީން މިހާރު ވަނީ އެ ކުންފުނީގެ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވުމަށް އަލުން ރަޖިސްޓްރޭޝަނަށް ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަންގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ ހަ ވަނަ ދުވަހެވެ.

މީގެ އިތުރުން ހިއްސާދާރުންގެ ބަދަލުގައި އެހެން މީހަކު ޖަލްސާ އަށް ހާޒިރުވާ ނަމަ ޕްރޮކްސީ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ މި މުއްދަތުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 30ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ.

މި ޖަލްސާގައި މިދިޔަ އަހަރުގެ ޑައިރެކްޓަރުންގެ ބޯޑުން ހުށަހަޅާ ރިޕޯޓު ފާސްކުރުމާއި ހިއްސާދާރުންނަށް ފައިދާ ބެހުމާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ނިންމުމާ މެދު ގޮތެއް ނިންމުމަށް ހުށަހަޅާނެ އެވެ.

އެމްޓީސީސީގެ ބޯޑުން ވަނީ އެ ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ހިއްސާދާރުންނަށް ފައިދާ ނުބަހަން ނިންމައިފަ އެވެ.