މުވައްޒަފުން ވަކިނުކުރަން ނިންމުމުން ހަޅުތާލު ހުއްޓާލައިފި

މަނަފަރު ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމުމާ ގުޅިގެން އެ ރިސޯޓުގައި ފެށި ހަޅުތާލު ހުއްޓާލައިފި އެވެ. އެ ހަޅުތާލު ހުއްޓާލީ، މުވައްޒަފުން ވަކި ނުކުރަން މެނޭޖްމަންޓުން ނިންމުމާ ގުޅިގެންނެވެ.


ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ އެ ރިސޯޓަށް ޒިޔާރަތް ކުރައްވައި، މުވައްޒަފުންނާއި މެނޭޖްމަންޓާ ދެމެދު ވަނީ އެއްބަސްވުމަކަށް ވަޑައިގެންފަ އެވެ. މި މައްސަލައިގައި މިނިސްޓަރުގެ ފުރިހަމަ އެއްބާރުލެއްވުން މުވައްޒަފުންނަށް ލިބިފައިވާ ކަމަށް އެ ރިސޯޓުގެ މުވައްޒަފުންގެ ޔޫނިއަނުން ބުނެ އެވެ.

މަނަފަރުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ ހަޅުތާލު ހުއްޓާލަން ނިންމީ މެނޭޖްމަންޓުން މުވައްޒަފުން ކަނޑާލަން ނިންމި ނިންމުން އަނބުރާ ގެންދިއުމުން ކަމަށެވެ.

އޭނާ ބުނީ އިއްޔެ މިނިސްޓަރު އަލީ ވަހީދު ވަޑައިގަތުމުން މެނޭޖްމަންޓުގެ ވާހަކަތައް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ވަޒީފާއިން މީހުން ވަކިކުރަން ނޯޓިސް ދިންއިރު ބުނެފައިވަނީ ތިން މަސްދުވަހުގެ މުސާރަ ދޭން ކަމަށާއި ނަމަވެސް މިނިސްޓަރު ވަޑައިގަތުމުން މުވައްޒަފުންނަށް ހަ މަސްދުވަހުގެ މުސާރަ ދޭން ނިންމި ކަމަށް މެނޭޖްމަންޓުން ބުނި ކަމަށް އޭނާ ބުންޏެވެ.

"ކުއްލިއަކަށް މެނޭޖްމަންޓުގެ ވާހަކަތައް ބަދަލުވެއްޖެ. ކުރިން ބުނަމުން އައީ ތިން މަސްދުވަހުގެ މުސާރަ ދީފަ ކަމަށް މީހުން ކަނޑާލަނީ. އެކަމަކު މިނިސްޓަރު ވަޑައިގަތުމާ އެކު ބުނަމުން އައީ ހަ މަސްދުވަހުގެ މުސާރަ ދޭން ނިންމި ކަމަށް،" މައުލޫމާތު ދިން މީހާ ބުންޏެވެ. "އެކަމަކު މިހާރު އޮތީ މުވައްޒަފުން ވަޒީފާއިން ވަކިނުކުރާ ގޮތަށް."

މަނަފަރު ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ނޯޓިސް ފޮނުވީ މާލި ހާލަތު ދަށްވުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވަނީ އެކަން ރިޕޯޓުތަކުން ދެއްކުމަށް އަންގަވައިފަ އެވެ.