މިދިޔަ މަހު ވެސް އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވެލާއިން

މިދިޔަ ޖޫން މަހު ވެސް އެންމެ ބޮޑު ސާވިސް ޗާޖެއް ބެހި ރިސޯޓަކަށް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު އަނެއްކާ ވެސް ވެއްޖެ އެވެ.


ރިސޯޓު މުވައްޒަފުންގެ އެލަވަންސްތަކާ ބެހޭ މައުލޫމާތު ގެނެސްދޭ ވެބްސައިޓް، މޯލްޑިވްސް ސާވިސް ޗާޖްގެ ރިޕޯޓުތައް ދައްކާގޮތުގައި މިިޔަ މަހު ވެލާއިން ވަނީ އެ ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 740.40 ޑޮލަރު (11،416.97ރ.) ބަހައިފަ އެވެ. މިއީ މިދިޔަ މެއި މަހާ އަޅާ ބަލާއިރު ބޮލަކަށް 11،866.92 ރުފިޔާ ދަށް އަދަދެކެވެ. މެއި މަހު އެ ރިސޯޓުގެ މުވައްޒަފުންނަށް ވަނީ ސާވިސް ޗާޖުގެ ގޮތުގައި 1،509.98 ޑޮލަރު (23،283.89ރ.) ލިބިފަ އެވެ.

އެހެން މަސްތަކާ އަޅާބަލާއިރު މިދިޔަ މަހު ހުރިހާ ރިސޯޓަކުން ވެސް ސާވިސް ޗާޖު ބަހާފައިވާ އަދަދު ދަށެވެ. އެގޮތުން މެއި މަހު ދެ ވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖު ބެހި ޝެވަލް ބްލާންކް ރަންދެލި އިން މި މަހު ބަހާފައި ވަނީ މީހަކަށް އެންމެ 400 ޑޮލަރު (6,168ރ.) އެވެ. މިއާއެކު މި ރިސޯޓުވަނީ ސާވިސްޗާޖު ލިސްޓުގެ 30 ވަނަ އަށް ވެއްޓިފަ އެވެ.

މިދިޔަ މަހު ދެވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖު ބަހާފައި ވަނީ ވެލިގަނޑު އައިލެންޑް ރިސޯޓުންނެވެ. އެއީ މީހަކަށް 620 ޑޮލަރު (9،560.40 ރުފިޔާ) އެވެ. މިއީ މެއި މަހު ވެސް އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ބަހާފައިވާ މިންވަރެވެ.

ތިންވަނައަށް އެންމެ ގިނަ ސާވިސް ޗާޖު ބަހާފައިވާ ހުރަވަޅި އައިލެންޑް ރިސޯޓުގެ ސާވިސް ޗާޖަށް ވެސް ބަދަލެއް ނާދެ އެވެ. އެގޮތުން އެ ރިސޯޓުން މިދިޔަ މަހު ވެސް ބަހާފައި ވަނީ މުވައްޒަފަކަށް 605 ޑޮލަރު (9,329.10 ރުފިޔާ) އެވެ. މި ރިސޯޓުތައް މެއި މަހުގެ ސާވިސް ޗާޖު ލިސްޓުގައި އޮތީ 13 އަދި 14 ވަނައިގަ އެވެ.

މިދިޔަ މަހު ސާވިސް ޗާޖު ދިން ކަމަށް، މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓަށް މައުލޫމާތު ފޮނުވާފައި ވަނީ 148 ރިސޯޓުގެ ތެރެއިން 55 ރިސޯޓުންނެވެ. ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓް ނަގާއިރު ބައެއް ރިސޯޓުތަކުގެ ސާވިސް ޗާޖަށް ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.

ކޮންމެ މަހަކު ރިސޯޓުތަކުން ދޭ ސާވިސް ޗާޖުގެ އަދަދު ހާމަކުރާ ވެބްސައިޓު "މޯލްޑިވްސް ސާވިސް ޗާޖު"ގައި ވާ އަދަދުތަކަކީ ރިސޯޓުތަކުގެ މުވައްޒަފުން ހާމަކުރާ އަދަދުތަކެެކެވެ.