ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މާއެނބޫދޫ ސްކޫލް ލައިބްރަރީ ތަރައްގީ ކޮށްފި

ރަށްތަކުގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ "ބީއެމްއެލް ކޮމިއުނިޓި ފަންޑު" ގެ އެހީގައި ދ. މާއެނބޫދޫ ސްކޫލް ލައިބްރަރީ ތަރައްގީ ކޮށްފި އެވެ.


އަލުން ތަރައްގީކޮށް މާއެނބުދޫ ސްކޫލްގެ ލައިބްރަރީ ހުޅުވާފައި ވަނީ މިއަދު އެވެ. މި ލައިބްރަރީ އަށް ބީއެމްއެލުން ވަނީ 700 އަށް ވުރެ ގިނަ ފޮތް ހަދިޔާ ކޮށްފަ އެވެ. މީގެ އިތުރުން ބީއެމްއެެލުން ވަނީ އެ ސްކޫލުގައި ކުރިން ހުރި ލައިބްރަރީގައި ފޮތްތައް ބަހައްޓާ ރެކުތައް އާކޮށް ކުދިން ކިޔަވަން ތިބޭނެ "ރީޑިން އޭރިޔާތައް" ގާއިމް ކޮށްފަ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މާއެނބޫދޫ ސްކޫލް ލައިބްރަރީއަށް ހަދިޔާ ކުރި ފޮތްތައް ހަވާލު ކުރަނީ-- ފޮޓޯ:ބީއެމްއެލް

މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެދި ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެ ސްކޫލުގެ ޓީޗަރެއް ކަމުގައިވާ ނާޝިދު އާދަމް ނަސީރެވެ. އެނާ ބުނިގޮތުގައި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅީ ކުދިންގެ ސަމާލުކަން ގޭމުތަކުން ދުރުކޮށް ފޮތްތަކަށް އަހުލުވެރި ކުރުމުގެ ބޭނުމުގަ އެވެ.

"މިހާރު ގިނަ ކުދިންގެ ސަމާލުކަން މި ހުންނަނީ ގޭމް ކުޅުމާ އެކި ކަހަލަ އިލެކްޓްރޯނިކް ގެޖެޓްތަކަށް. ޓީޗަރެއްގެ ހައިސިއްޔަތުން އަބަދުވެސް ދެކޭ ހުވަފެނެއް މިއީ ކުދިން ފޮތް ކިޔުމަށް ޝައުގުވެރި ކުރުވުން. ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުޅުވާލުމާ އެކު އެންމެ ފުރަތަމަވެސް ބޭނުންވީ މިހާރު ހުރި ލައިބްރަރީ އިތުރަށް ފުރިހަމަ ކުރަން. މިގޮތުން ފޮތް ރެކުތައް އާ ކުރުމާ އެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވީ. މި ލައިބްރަރީ މިރަށު ސްކޫލު ކުދިންނަށް ވަރަށް އަގުބޮޑު ހަދިޔާ އަކަށް ވެގެންދާނެ،" ނާޝިދު ބުންޏެވެ.

ބީއެމްއެލުން ވަނީ މާއެނބޫދޫ ސްކޫލް ލައިބްރަރީގައި ރީޑިން އޭރިއާތައް ވެސް ހަދާފައިި-- ފޮޓޯ: ބީއެމްއެލް

މި ލައިބްރަރީއަކީ ބިއެމްލުން ކޮމިއުނިޓީ ފަންޑުގެ ދަށުން ކުރިއަށްގެންދިޔަ ދެވަނަ ޕްރޮޖެކްޓެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު އެ ބޭންކުން ވަނީ ހދ. ނެއްލައިދޫގައި ކޮމިއުނިޓި ޕާކެއް ވެސް ހުޅުވައިފަ އެވެ. މިއީ މި ކުއާޓަރުގައި ފަންޑު ކުރަން ހަމަޖެހިފައިވާ ފަސް ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ ދެ ޕްރޮޖެކްޓެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލް އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ އެވެ. އަދި ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ފަސް ޕްރޮޕޯސަލް ހޮވާ ކޮންމެ ޕްރޮޖެކްޓަކަށް 50،000 ރުފިޔާ ދިނުމަށް ބީއެމްއެލުން ވަނީ ނިންމައިފަ އެވެ.