ބީއެމްއެލުން އެފްއައިޔޫ އަށް ރިޕޯޓްކުރީ ފައިސާ ޑިޕޮސިޓްކޮށްފައި: ނީޒާ

ޝައްކު ކުރެވޭ ޓްރާންސެކްޝަންގެ މައުލޫމާތު ބޭންކް އޮފް މޯލްޑިވްސް އިން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް އެންގީ ފައިސާ ޑިޕޮސިޓް ކުރުމަށް ފަހު، އެ ފައިސާ ނަގަން ދިއުމުން ކަމަށް އެމްއެމްއޭގެ ކުރީގެ އެސިސްޓެންޓް ގަވަރުނަރު އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު ވިދާޅުވެއްޖެ އެވެ.


މިއަދު މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ނީޒާ ވިދާޅުވީ، 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު 25 ދުވަހު ޑިޕޮސިޓް ކުރި ނަމަވެސް، އެކަން އެފްއައިޔޫ އަށް އަންގާފައިވަނީ އޭގެ ދެ ދުވަސް ފަހުން އެ ފައިސާ ނަގަން ދިއުމުން ކަމަށެވެ.

އެކަމަކު ޝައްކު ކުރެވޭ ފަދަ މުއާމަލާތެއް ހިނގާ ކޮންމެ ވަގުތަކު އެ މައުލޫމާތެއް އެފްއައިޔޫއާ ހިއްސާކުރަންޖެހެ އެވެ. އޭގެ ތެރޭގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން ވެސް ހިމެނެ އެވެ.

"އަޝްރަފް [އެފްއައިޔޫގެ ހެޑް] ވިދާޅުވި އަޅުގަނޑު ކައިރީގައި، [2014 ނޮވެމްބަރު] 25 ވަނަ ދުވަހު ފައިސާ ޑިޕޮސިޓް ކުރަން އައިމަ، ޑިޕޮސިޓްކޮށް ނިންމައިފައި، ފައިސާ ބަލައި އައިމަ (ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް) އެސްޑީއާރް ފައިލް ކުރީ،" އޭނާ ވިދާޅުވި އެވެ.

މަނީ ލޯންޑަރިންނަށް ޝައްކު ކުރެވޭ ފައިސާ ޖަމާކުރުމަށް ދާ ވަގުތަކީ އެންމެ މުހިއްމު ވަގުތު ކަމަށާއި އެއީ ބޭންކުތަކަށް ނުރަނގަޅު ފައިސާ ވަންނަ ވަގުތު ކަމަށެވެ.

"އޭތި [ބޭންކުން] ނެރޭ ވަގުތެއް ނޫން [މުހިންމީ]. އޭތި [އެ ފައިސާ] އޮތީ މިހާރު ވައްދައިފައި. އެ މީހުން މި ފައިސާ ނަގަން އައިމަ އެފްއައިޔޫ އަށް ރިޕޯޓް ކުރަނީ އެއީ ޝައްކުކުރެވޭ މުއާމަލާތެކޭ،" އޭނާ ވިދާޅުވި އެވެ.

ނީޒާ ވިދާޅުވީ، އެންމެ އެސްޓީއާރެއް ފޮނުވާފައި ޒިންމާ ނިމުނީ ނޫން ކަމަށާއި ކޮންމެ ޝަކުކުރެވޭ މުއާމަލާތެއްގެ މައުލޫމާތު ވެސް ރިޕޯޓް ކުރަންޖެހޭނެ ކަމަށެވެ.

ނީޒާ ވިދާޅުވީ، ޝައްކު ކުރެވޭ މުއާމަލާތެއްގެ މައުލޫމާތު ލިބުމުން އެކަން ބަލައި، ތަހުގީގީ އިދާރާތަކަށް އެ މައުލޫމާތު ފޮނުވަން ޖެހޭ ކަމަށެވެ. އޭރު އެފްއައިޔޫގެ ކަންކަމާ ހަވާލުވެ ހުރި މީހެއްގެ ހައިސިއްޔަތުން އެ މައްސަލަ އެނަލައިޒްކޮށް ބެލުމަށް އިސް މުވައްޒަފެއްގެ ގޮތުގައި ހުންނެވި އަބްދުﷲ އަޝްރަފަށް އެންގެވި ކަމަށް ވިދާޅުވި އެވެ.

އެފްއައިޔޫއާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގަތީ، އެތަނުގެ ވެރިޔާ ޗުއްޓީއެއްގައި ހުންނެވި ދުވަސްވަރު ކަމަށާއި އެފްއައިޔޫގެ އޭރުގެ ވެރިޔާ އާތިފް ޝަކޫރު އޮފީހަށް އެނބުރި ނުކުންނަވަން ފެއްޓެވުމުން އެ މައްސަލަ އިތުރަށް ގޮސްފައި އޮތް ހިސާބު ބައްލަވާފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނީޒާ ވިދާޅުވި ގޮތުގައި އޭނާ އެފްއައިޔޫގެ ހިންގެވުމާ ހަވާލުވެ ހުންނެވީ ދެ ހަފްތާއެއްހާ ދުވަހަށެވެ.

އޭނާ ވިދާޅުވީ، މިކަން ހިނގި ފަހުން 2016 ވަނަ އަހަރު ތަހުގީގީ އިދާރާއަކުން ބީއެމްއެލް އަށް ވަން ކަމަށާއި އެކަމާ ގުޅިގެން އޭރު ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއާ އެކު އޭރުގެ ގަވަރުނަރު އަޒީމާ އާދަމް ބައްދަލު ކުރެއްވި އެވެ.

"މީޓިން ނިމިގެން އަޅުގަނޑު ކައިރީގައި އަޒީމާ ވިދާޅުވި، އެންޑޫ ހީލީ ވިދާޅުވިއޭ ޝަރީފު (ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު) އީމެއިލެއް ކުރައްވާފައި ވެއޭ މި ފައިސާ (އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ބެލެވޭ ފައިސާ) ދޫކުރުމަށް ނީޒާ އެންގެވި ކަމަށް،" އޭނާ ވިދާޅުވި އެވެ.

މިކަން އެހެން ނުހިނގާ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ކަަމަށް އޭނާ ވިދާޅުވި އެވެ. ނީޒާ ވިދާޅުވީ، ޓްރާންސެކްޝަނާ ގުޅޭ މުއާމަލާތް ހިނގި ދުވަސްވަރު ޝަރީފާ ވާހަކަދެއްކެވީ އެފްއައިޔޫގެ އޭރުގެ މުވައްޒަފު އަޝްރަފުގެ ހާޒިރުގައި ކަމަށެވެ. އަދި ޝަރީފަށް ހަމައެކަނި ދެންނެވީ، އޮންނަ އުސޫލުގެ ތެރެއިން އަމަލުކުރުމަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިކަން އަޝްރަފަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށެވެ.

މިދިޔަ މަހު މާލިއްޔަތު ކޮމިޓީ އަށް ބީއެމްއެލްގެ މުވައްޒަފުން ވެސް ހާޒިރުކުރި އެވެ. ބޭންކުގެ އިންޓެރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވަނީ އެކައުންޓްތައް ދޫކޮށްލުމަށް އާތިފާއި ނީޒާ ވެސް އިރުޝާދު ދެއްވި ކަމަށް ވިދާޅުވެފަ އެވެ.

ނީޒާ ވިދާޅުވީ، އެފްއައިޔޫއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިރު ޔާމީނާ އެއްވެސް މުއާމަލާތެއް ހިންގަވާފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ބޭންކެއްގެ އެކައުންޓް އެކްޓިވޭޓްކޮށް ޑީއެކްޓިވޭޓް ކުރުމުގެ ބާރެއް އެމްއެމްއޭ އަށް ނޯންނަ ކަމަށާއި އެމްއެމްއޭ އަށް އޮންނަ ހަމައެކަނި ބާރަކީ ކޯޓު އަމުރެއްގެ ދަށުން އެކައުންޓެއް ފްރީޒްކޮށް އަންފްރީޒް ކުރުމުގެ ބާރު ކަމަށެވެ.

އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި އިރު އޭނާ ބެލެހެއްޓެވީ ބޭންކް ސުޕަވިޝަން މަސައްކަތްތައް ކަމަށާއި އެ މަގާމުގައި ހުންނަވައި ބޭންކްތަކުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވި ކަމަށް ވެސް ނީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެފްއައިޔޫއާ ހަވާލުވެވަޑައިގެން ހުންނެވި ދުވަސްވަރު، އެފްއައިޔޫގެ ޖަލްސާއެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށެވެ. ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއާ އެކު ބައްދަލުކުރައްވާފައި ވާނީ ނިޒާ ވިދާޅުވި ގޮތުގައި ބޭންކް ސުޕަވިޝަން ކަންކަމުގައި އެކަންޏެވެ. އަދި އެފްއައިޔޫގެ އެއްވެސް ކަމެއްގައި ބައްދަލު ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

މެންބަރުންނަށް ނީޒާގެ ވާހަކަތައް ސާފުވި

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، ޑޮކިއުމެންޓްތަކަށް ބެލުމުން ނީޒާ ދެއްކެވި ވާހަކަތައް ދިމާވާ ކަމަށެވެ. އަދި ވިދާޅުވީ ކަން ހިނގާދިޔަ ގޮތަށް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހޯދާފައިވާ ލިޔެކިޔުންތަކުން އެނގޭ 59 މިލިއަން ރުފިޔާ ޖަމާކުރީ 25 ނޮވެމްބަރު 2014 ކަން،" ޝަރީފު ވިދާޅުވި އެވެ.

ބޭންކްތަކުގެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރުމުގެ ބާރެއް ނެތް ކަމަށް ވިދާޅުވި އިރު އެކަމާ ބޭންކްގެ މުވައްޒަފަކު ސުވާލު ކުރުމުން ޖަވާބެއް ދެއްވާފައިވޭތޯ ޝަރީފު ނީޒާއާ ސުވާލުކުރެއްވި އެވެ.

ޖަވާބުގައި ނީޒާ ވިދާޅުވީ، އެއީ އެމްއެމްއޭ އަށް އޮތް ބާރެއް ނޫން ކަމަށާއި އެމްއެމްއޭ އަށް ހަމައެކަނި އޮންނާނީ އެކައުންޓެއް ފްރީޒްކޮށް އަން-ފްރީޒް ކުރުމުގެ ބާރު އެކަނި ކަަމަށެވެ. އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވި އިރު، އެ އިދާރާ އަށް ވެސް އޮންނާނީ 72 ގަޑިއިރު ވަންދެން ޓްރާންސެކްޝަނެއް ހުއްޓުވުމުގެ ބާރު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގައި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު ވަނީ ކަންކަން ހިނގައިދިޔަ ގޮތް ސާފުވެއްޖެ ކަމަށާއި އެހެން ނަމަވެސް ބީއެމްއެލުން ހުށަހެޅި މައުލޫމާތުތަކާއި ނީޒާ ވިދާޅުވި މައުލޫމާތުތަކުގައި ފުށު އެރުންތަކެއް ވެސް ހުރި ކަމަށް ވިދާޅުވެފަ އެވެ.

އެފްއައިޔޫ އަކީ މުޅިން މިނިވަން ތަނެއް ނޫން ކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން ހިޔާނާތުގެ ފައިސާގެ މުއާމަލާތްތައް ހިނގަމުންދިޔަ އިރު އެމްއެމްއޭގެ ފަރާތުން އެއްވެސް ފިޔަވަޅެއް އެޅިތޯ ހުސައިން ސުވާލުކުރެއްވި އެވެ.

ނީޒާ ވިދާޅުވީ، އެފްއައިޔޫގެ އެއްވެސް މައްސަލައަކާ ގުޅިގެން އެމްއެމްއޭގެ ގަވަރުނަރު އެފްއައިޔޫގެ އެއްވެސް މައްސަލައެއް ބޯޑަށް ގެންދަވާފައިނުވާ ކަމަށެވެ. އަދި މެނޭޖްމަންޓުގައި ވެސް އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެފްއައިޔޫ ހިނގަނީ މިނިވަންކަމާ އެކު ކަމަށާއި އެފްއައިޔޫގެ ވެރިމީހާ ގަވަރުނަރު ނެގި ނަމަވެސް އެތަނުން ނިންމާ ނިންމުންތަކަކީ މިނިވަންކަމާ އެކު ނިންމާނެ ކަންކަން ކަމަށެވެ.

"ހަމަގައިމު ވެސް އަޅުގަނޑު އެމްއެމްއޭގައި މަސައްކަތް ކުރި އިރު އޭރު މަސައްކަތް ކުރީ މިނިވަންކަމާ އެކު،" އޭނާ ވިދާޅުވި އެވެ.