އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން ބީއެމްއެލްގެ ފޮރެންސިކް އޮޑިޓެއް ހަދަނީ

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ބީއެމްއެލް އިން އެތެރޭގެ ތަހުގީގެއް ހިންގަމުން އަންނައިރު ބޭންކާއި އެހެން ފަރާތްތަކުގެ މަސްލަހަތަށް ބަލައި ފޮރެންސިކް އޮޑިޓެއް ކުރަން ރާއްޖޭން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.


ބޭނުންކުން ބުނީ ޚިޔާނާތުގައި ބޭންކުގެ އެއްވެސް އިހުމާލެއް އޮތް ކަމަކަށް މިހާތަނަށް ކުރި ތަހުގީގުތަކުން އެނގިފައި ނެތް ކަމަށާއި ބީއެމްއެލް އިން އެއްވެސް އިރެއްގައި، މާލީ ނަހަމަ ކަންކަމުގައި ބައިވެރިވެ އެފަދަ ކަންކަމަށް ހިތްވަރު ނުދޭނެ ކަމަށެވެ. ބޭންކާ ގުޅުމެއް ނެތް، މިނިވަން ބަޔަކު ލައްވާ އޮޑިޓެއް ކުރަން ނިންމީ މި ޔަގީންކަމާ އެކު، ބޭންކާއި އެހެން ފަރާތްތަކަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަށް ކަންތައް ކުރުމަށް ކަމަށް ބޭންކުން ބުންޏެވެ.

ފޮރެންސިކް އޮޑިޓެއް ހަދަން ބީއެމްއެލްގެ ބޯޑުން ހަވާލުކުރީ ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ޑެލޮއިޓް ސިންގަޕޯ އަށެވެ. އެއީ އޮޓިޑް އަދި މާލީ ދާއިރާގައި 150 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

ޑެލޮއިޓް ސިންގަޕޯ އިން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުންޏާ ދެމުދު ހިނގާފައިވާ ހުރިހާ މުއާމަލާތްތަކާއި، ޓްރާންސެކްޝަންތައް އަދި އެންޑޯސްކޮށްގެން ދިޔަ ޗެކްތަކުގެެ އިތުރުން މި މުއާމަލާތްތައް ކުރި މުއްދަތުގައި ބޭންކުގެ ރިޕޯޓިން އަދި ކޮންޓްރޯލް ޕްރޮސީޖަ ބަލާނެ އެވެ.

ބީއެމްއެލް އިން ބުނީ މިއީ ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ކުރާ މަސައްކަތުގައި ހިމެނޭ އޮޑިޓެއް ކަމަށެވެ. މީގެ ތެރޭގައި ބޭންކުގެ ރިސްކް އަދި ކޮންޕްލައަންސް ޕޮލިސީތައް ބެލުމަށް އާ ޗީފް ރިސްކް އޮފިސަރެއް އައްޔަންކުރަން ހަމަޖެހިފައިވެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބީއެމްއެލްގެ އިހުމާލު އެބަ އޮތް ކަމަށް ތަހުގީގީ އިދާރާތަކުން ތުހުމަތުކުރެ އެވެ. އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން އެސްއޯއެފަށް ޖަމާކުރި ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތުހުމަތުކުރެ އެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބޭންކުގެ ބައެއް މުވައްޒަފުންގެ އިހުމާލު އޮތް ކަމަށް ވެސް ތުހުމަތުކުރެ އެވެ.

ނޮޓް ނެގޯޝިއަބްލް ޗެކްތައް ޖަމާކުރަން ޖެހޭނީ ހަމައެކަނި ޗެކްގައި ލިޔެފައި އޮންނަ ފަރާތުގެ އެކައުންޓަށެވެ. އެކަހަލަ އެއްވެސް ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނެ ކަމަށް، ފެށުނީއްސުރެ ބީއެމްއެލުން އަންނަނީ ބުނަމުންނެވެ. އަދި ޚިޔާނާތުގައި ބޭންކުގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.